މޯލްޑިވްސް އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންދާ ބޯޓުތަކަށް ފިޔަވަޅު އަޅަނީ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަށްރަށަށް ގެންދާ ބޯޓުތަކުގެ ކެޕްޓަނުންނަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިހެން ބުނެފައި މިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކަށް ފަހު އެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކުޅުދުއްފުށި ސިޓީ ގައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ވަނީ ކުޅުދުއްފުއްޓަށް ދިޔަ ބޯޓަކުން ގަވާއިދާ ހިލާފަށް އުޅޭ ނުވަ ބިދޭސީއެއް ހޯދާ، އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސް ދީފަ އެވެ.

ކުޅުދުއްފުށްޓަށް ބިދޭސީން ގެންދިޔަ ބޯޓުގެ ކެޕްޓަނަށް ވެސް ވަނީ ލިޔުމުން ނަސޭހަތް ދީފަ އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިޅާފަށް އުޅޭ ބިދޭސީން އަރުވައިގެން ދަތުރުކުރާ ކެޕްޓަނުންނަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

"އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އެޅިގެންދާނެ،" އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ ސައްހަ ލިޔެކިޔުން ނެތް ބިދޭސީއަކު އުފުލުމަކީ މަނާ ކަމެއް ކަމަށާއި އޭގެ ޒިންމާ ނަގަން ޖެހޭނީ ކެޕްޓަނުން ކަމަށެވެ.