ސައުދު ހުސައިން

މެންބަރު ސައުދު އެމްޑީޕީއަށް ސޮއި ކުރައްވައިފި

Jul 7, 2022
1

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

ސައުދު އެމްޑީޕީއަށް ސޮއި ކުރައްވާފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް ބޭފުޅުން ވަނީ އަވަސް އަށް ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް ސައުދުގެ ބަހެއް އަވަސް އަށް ލިބޭ ގޮތެއް ނުވި އެވެ.

ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ސައުދު އެމްޑީޕީއަށް ސޮއި ކުރެއްވީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ.

ސައުދު އެމްޑީޕީއަށް ސޮއި ކުރެއްވުމާ ގުޅިގެން އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގައި 66 މެންބަރުން މިހާރު ތިއްބަވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެންބަރު ކަމަށް ދެވަނަ ދައުރަކަށް ސައުދު އިންތިހާބުވީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ވިލިގިލި ދާއިރާގެ ގޮނޑިއަށް ފުރަތަމަ ދައުރު އޭނާ އިންތިހާބުވީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުުރުގައި ސައުދު ޕީޕީއެމްގައި ހުންނަވައިގެން މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން ކުރެވުނު މަސައްކަތުގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދުގެ މައްޗަށް ދައުވާކޮށް ޖަލަށްލި އެވެ. އަދި ފަހުން އޭނާ ޕީޕީއެމް އިން ވަކިވެސް ކުރި އެވެ.

ސައުދުގެ މަންމަ އަވަހާރަވީ ވެސް ސައުދު ޖަލުގައި ހުންނަވަނިކޮށެވެ.