ހައްޖުގެ އަޅުކަން

ދިވެހި ހައްޖުވެރިން މިނާއަށް ހިނގައްޖެ

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން މިނާއަށް ހިނގައްޖެ އެވެ. މިނާއަށް ހައްޖުވެރިން ދިޔައީ މިއަދު ހެނދުނު ރާއްޖެ ގަޑިން 8 ޖެހިއިރު އެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 މީހުން ހައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ރާއްޖޭގެ ހައްޖު މިޝަން އިން ބުންޏެވެ. މިނާއަށް މިއަދަކީ ހޫނު މަޑު ދުވަހެކެވެ. މިނާގެ ފިނި ހޫނުމިން ހުރީ 36 ޑިގްރީ ސެންސިއަސްގައެވެ.

ހައްޖުވެރިން މިނާ އިން ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތަށެވެ. ހައްޖުމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހަކަށް ހައްޖެއް ނުލިބޭނެ އެވެ.

އަރަފާތަށް ދިޔުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭ ކުރާނެ އެވެ. މުޒްދަލިފާގައި ރޭ ކުރުމަށް ފަހު ބޮޑު ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިޔުމަށް ފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭ ކުރުމަށް ފަހު ތިން ޖަމްރާއަށް ހިލަ އުކާނެ އެވެ. އަދި ޠަވާފުލްއިފާޟާ ކުރުމާއި ޞަފާ ފަރުބަދަ އާއި މަރްވާ ފަރުބަދައާ ދެމެދު ސައުޔު ކުރާނެ އެވެ. ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ޠަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ މާދަމާ އެވެ. ހައްޖުގެ އަޅުކަމަށް ފުރުސަތު ނުލިބޭ މީހުން އެ ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ.