ދިރާގު

މާފުށި އީދު އުފާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Jul 8, 2022

މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ކ. މާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އީދު ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

"މާފުށީ ޢީދު އުފާ" ގެ ނަމުގައި މާފުށީ ރަށު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި ޢީދު ފެސްޓިވަލް ކުރިއަށްދާނީ 8 އިން 11 ޖުލައިގެ ނިޔަލަށެވެ. ފެސްޓިވަލްގައި ކުރިއަށް ދާނެ ބައެއް ސަގާފީ ހަރަކާތްތަކުގެ ތެރޭގައި ބޮޑުމަސް ބޭނުން، ކޯޑި ނެރުން އަދި މާލި ޕެރޭޑް ހިމެނެއެވެ. މީގެ އިތުރުން ކަލ ރަން އަކާއި، ވޯޓަ ޕާކްގެ ހަރަކާތްތަކާއި ޢީދަށް ހާއްސަ ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފަހަރުގެ އީދު ހަރަކާތްތަކުގައި ބައިވެރިވުމަށް 7000 މީހުން މާފުށްޓަށް އަންނާނެ ކަމަށް އެ ރަށު ކައުންސިލުން ލަފާކުރެ އެވެ.

"އިޖްތިމާއީ އަދި ސަގާފީ އެކި ކަންކަމާއި އިވެންޓްތަކަށް ދިރާގުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. މިފަދަ ޢީދު ހަރަކާތްތަކުގެ ސަބަބުން ރަށްރަށަށް ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަން ޔަޤީން. މިގޮތުން އަޅުގަނޑުމެންގެ މިފަދަ ބޮޑެތި އިވެންޓްތަކަށް ދިރާގުން މެދުކެނޑުމެއްނެތި ވެދެއްވާ އެހީތެރިކަމަށްވެސް ޝުކުރު އަދާކުރަން،" މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހް ވިދާޅުވި އެވެ.

""މާފުށީ ޢީދު އުފާ" ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ ސަގާފީ ހަރަކާތްތައް ޕްރޮމޯޓް ކުރާ މިފަދަ އިވެންޓްތަކަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް އަދި ދިރާގުން ކުރިއަށް އޮތް ތާނގައިވެސް މިފަދަ ކަންކަމަށް އެއްބާރުލުން ދޭނަން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

މުޖުތަމައު ބާރުވެރިކުރުމަކީ ދިރާގުގެ ސީއެސްއާރު ސްޓްރެޓެޖީގެ މައިގަނޑު އެއް އަސާސެވެ. މިގޮތުން ރާއްޖޭގެ އިޖްތިމާއީ ކުރިއެރުމަށް ފުރުސަތު ތަނަވަސްކޮށްދޭ ތަފާތު މަޝްރޫޢުތަކަށް އެ ކުންފުނިން އަންނަނީ އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދިރާގުން ދަނީ ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއަށް ބާރުއަޅާ އެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މި ފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.