އުމްރާ ދަތުރު

ޗާންސަކަށް ދިޔަ ތާރީހީ އުމްރާ ދަތުރު!

ކޮންމެ މީހެއްގެ ހަޔާތުގައިވެސް އެ މީހަކަށް މުހިންމު ހިނދުކޮޅުތަކެއް އާދެއެވެ. އަޅުގަނޑަކީ ނޫސްވެރިއެކެވެ. އެހެން ނޫސްވެރިން ފަދައިން އަޅުގަނޑަށް ވެސް ލިބިފައި އޮތީ އަމިއްލަ އެއްވެސް ކަމަކަށް ވަގުތެއް ނޯންނަ ދިރިއުުޅުމެކެވެ. އެހެން އުޅެ ވަޒީފާގައި ދަހަރެއް --ޑިކޭޑެއް-- ދުއްވާލެވުނީ ގާސިމް އިބްރާހިމްގެ ވީޓީވީ ގައެވެ. އެތަނުން ނުކުމެގެން ދެން ބޭނުންވީ ނޫހަކަށް ދާށެވެ. އަޅުގަނޑަށް އެންމެ ކަމުދިޔައީ "އަވަސް" އޮންލައިނެވެ. އެނޫހާއި ގުޅުނުތާ ތިން މަސް ފުރި 14 ވަނައަށްވީ ދުވަހު ވަރަށް މުހިންމު ފުރުސަތެއް ލިބުނެވެ. އަވަސްގެ ޗެއާމަން އަބްދު ﷲ ޝިނާން ގުޅުއްވިއެވެ. ވިދާޅުވީ އުމްރާ ދަތުރެއްގައި ދެވިދާނެ ހެއްޔެވެ. ވަރަށް ބޮޑަށް އުފާވެ ހަމަވަގުތުން އާނއެކޭ ބުނީމެވެ. މިއީ ހަޔާތުގައި އެހާތަނަށް ލިބުނު އެންމެ އަގުހުރި ފުރުސަތެވެ. އަދި އޮފީހާ ގުޅުނުތާ އެހާ ކުޑަ ދުވަސްކޮޅެއް ފަހުން މިފަދަ ފުރުސަތެއް ލިބުން ވެގެން ދިޔައީ ވަރަށްވެސް ބޮޑު އުފަލަކަށެވެ.

އޮފީހުން ލިބުނު މިފުރުސަތުގެ އުފާވެރި ޚަބަރު އެންމެ ފުރަތަމަ ދިނީ މަންމައަށެވެ. އަދި ތިއްތަ އާއި ދޮންތަގެ އިތުރުން އާއިލާއާ ހިއްސާކުރީމެވެ. ނަމަވެސް ބޮޑު ސަބަބެއް އޮވެ އެވާހަކަ މާގިނަ ބައެއްގެ ކައިރީގައި ބުނަން ބޭނުން ނުވިއެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ސިއްރުތަކެއް ނުވަތަ އެހެން މީހުންނަށް އެނގެން ބޭނުން ނުވާ ވަރަށް ޒާތީ ކަންކަން ހުންނާނެތާއެވެ. އެގޮތުން އަޅުގަނޑުގެ ދިރިއުޅުމުގައި ވެސް އެފަދަ ކަމެއްވެއެވެ. އެއީ ޒާތެއްގެ ބައްޔެކެވެ. އެކަން ހަގީގަތުގައި އެއްވެސް މީހަކަށް އެނގޭކަން ބޭނުމެއް ނުވެއެވެ. އަޅުގަނޑުގެ ވަރަށް ގާތް ދެތިން އިލްމުވެރިއަކަށް ނޫނީ އެކަމެއް ނޭނގޭނެ އެވެ. އެއް ބޭފުޅަކީ ޝައިހް ހަސަން މޫސާ ފިކުރީ އެވެ. އަނެއް ބޭފުޅަކީ ޝައިހް އަބްދުﷲ ބިން މުހައްމަދެވެ. ޔަގީންކޮށް ނޭނގުނަސް އާއިލާގެ ބައެއް މީހުންނާއި އެންމެ ގާތް އެކުވެރީންނަށް އަޅުގަނޑު މި ބަލީގައި އުޅޭ ކަމުގެ ޝައްކު އޮންނާނީ ހީވެފައެވެ. އެވާހަކަ މި ހިއްސާކޮށްލީ އުމްރާ ދަތުރުގެ ވާހަކަ މީހުންގެ ކައިރީގައި ނުދެއްކީ އެސަބަބާއި ގުޅިގެން ކަމަށް ވީތީއެވެ. އެކަމެއް ހުރުމުން އަޅުގަނޑުގެ ހިތުގައި ވަސްވާސް މާބޮޑުވީއެވެ. އުމްރާ ދަތުރު ދެވިދާނެތޯ މާބޮޑަށް ސުވާލު އުފެދުނީއެވެ. އެވާހަކަ މިވަގުތަށް ކުރުކޮށްލާނީއެވެ.

ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕާއެކު އުމްރާއަށް ފުރަން އޮތީ ފެބްރުއަރީ 27، 2020 ގައެވެ. ދަތުރަށް ވާންޖެހޭ ތައްޔާރީތައް ސިއްރުގައި ދިޔައީ ކުރިއަށެވެ. ވަރަށް ހިތްވަރާއެކު އަޅުގަނޑުގެ ގައިގައި ހުރި ކަމަށް ކުރީން މި ބުނި މައްސަލައާއި ކުރިމަތިލައި އެކި ގޮތްގޮތުން ހިތްވަރު ހޯދަމުން ދިޔައީއެވެ. ޚާއްސަކޮށް ދުއާ ކުރުމާއި އަޅުކަމުންނެވެ. އުމްރާއަށް ފުރަން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށް އުންމީދު މުޅީން ގެއްލުނެވެ. ހޯދި ހުރިހާ ހިތްވަރެއް ނެތިއްޖެއެވެ. ލިބުނު ޚަބަރަކީ ހަޔާތުގައި ލިބޭނެ އެންމެ އެންމެ ހިތްދަތި އެއް ޚަބަރައްވިއެވެ. އެ ޚަބަރު ފުރަތަމަ ދިނީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ވަރަށް ގިނަ ކަންކަމުގައި އަޅުގަނޑާއި ވަރަށް ގާތް ކަމެއް ބާއްވަވާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އޭރު އެމަނިކުފާނު ހުންނެވީ ސައޫދީ އަރަބިޔާގައެވެ. އޯއައިސީގެ އިސް މަގާމެއްގައެވެ. އެހެންކަމުން ދަކްތޫރު އެ ދެއްވަނީ މުޅީން ތެދު ޚަބަރެއްކަން ޔަގީންވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސައޫދީ އަރަބިޔާގެ ބޯޑަރުތައް ބަންދު ކުރީއެވެ. އެއްގަމާއި ވައިގެ މަގުން ސައޫދީ އަރަބިޔާ އެކީއެކަށް ފުރަބަންދަކަށް ދިޔައީއެވެ. ރަސްގެފާނު ނެރުއްވި އަމުރުފުޅަކާއެކު ހަމަ އެވަގުތުން ފެށިގެން އަމުރުފުޅު ތަންފީޒު ކުރަން ފެށީއެވެ. އަމުރުފުޅު ނެރުނީ ސައޫދީ އަރަބިޔާއަށް ފުރަން އެއާޕޯޓަށް ދިއުމަށް ދެތިން ހަތަރު ގަޑިއިރަށްވެފައި ވަނިކޮށެވެ. ނިދާފައި އޮއްވާ ޑރ. ޝަހީމު ގުޅުއްވާފައި ދެއްވި ޚަބަރުން މުޅީން މާޔޫސްވެއްޖެއެވެ. ކޮންމެވެސް ވަރަކަށް ލޮލުން ކަރުނަވެސް އައެވެ. އެތެރޭން ހުރީ ފަޅައިގެންދާވަރު ވެފައެވެ. އެއީ އުމްރާއަށް ދާން ލިބުނު ފުރުސަތު ގެއްލުނީމައެވެ.

އެވާހަކަ މަންމަ އާއި ތިއްތަ އަދި އާއިލާގެ މީހުންނަށް އެނގުމުން ވާނެ ދެރަ ހިތަށް އަރާފައެވެ. ކުޑަކޮށް ލަދުވެސް ގަތެވެ. އުމުރާއަށް ފުރާތީ ވަރަށް ޚާއްސަ ދެތިން ބޭފުޅަކާ އޭގެ ކުރީ ދުވަހު ބައްދަލުވެސް ކުރީމެވެ. އެއް ބޭފުޅަކީ ރައީސް މައުމޫނެވެ. ދެން ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ ކާނަލް މުހައްމަދު ނާޒިމް އާއި އަނބިކަނބަލުން އަފާ އަދި ޑރ. އަހުމަދު ޒިޔާދެވެ. އަދި އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ފުއާދުގެ އަނބިކަނބަލުން ޒީދާއެވެ. އެއީ އަޅުގަނޑަށް މަންމައަކާއި ބައްޕައެއް ފަދަ ދެމަފިރީންނެވެ. އަޅުގަނޑަށް ނުފުރުނޭކަން އެނގުމުން އެބޭފުޅުން ހިތަށް އަރާނީ ކީކޭބާވައޭ ހިތައި ވިސްނާލެވި އިތުރަށް ދެރަވެ ލަދުވެސްގަތީއެވެ. އަދި އޮފީސް ކުދިން ހިތަށް އަރާނެ އެއްޗަކާމެދުވެސް ވިސްނުން ގިނަވެ ހާސްކަން އިތުރުވީއެވެ.

އެ ޚިޔާލުތަކުގައި އޮއްވާ ނަވާ ގުރޫޕްގައި އިސްކޮށް ތިއްބެވި ދެތިން ބޭފުޅަކު ގުޅުއްވާފައި ކޮފީއަކަށް ދައުވަތު ދިނެވެ. ވަރަށް ހިތްވަރުކޮށްލާފައި ތެދުވެ ތައްޔާރުވެލައިގެން އެބޭފުޅުން ގާތަށް ދިޔައީ ދެން ލިބޭނީ ކޮން ޚަބަރެއްތޯ ސުވާލުކުރަމުންނެވެ. އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި ސައޫދީ އެއާލައިނާއި އަދި ސައޫދީ އަރަބިޔާގައި ތިބި އެޖަމާއަތުގެ އެކި ބޭފުޅުންނާ ގުޅައިގެން އުމްރާ ދަތުރަށް ފުރޭނެ ގޮތެއްވޭތޯ އެބޭފުޅުން ވަރަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އުންމީދީ ޖަވާބެއް ނުލިބި އެތައް ވަގުތެއް ހޭދަވެއްޖެއެވެ. އެ މަަސައްކަތުގައި އުޅެނިކޮށް ސައޫދީ އެއާލައިންގެ ޖަވާބެއް ލިބުނެވެ.

އެއާލައިނުން އެންގީ ފުރަން ތައްޔާރުވެގެން އެއާޕޯޓަށް އައުމަށެވެ. ނަމަވެސް ސައޫދީ އަރަބިޔާއަށް އެތެރެވެވޭނެ ކަމުގެ ޔަގީން ކަމެއް ނުދެއެވެ. ދިންހާވެސް ޔަގީން ކަމަކީ އެތެރެނުވެވިއްޖެނަމަ ރާއްޖެ ގެނެސްދޭނެ ކަމެވެ. އެކަންވީ އިތުރަށް މާޔޫސް ކުރުވި ކަމަށެވެ. އެއީ އެވަރުގެ ދިގު ދަތުރަކަށް ފަހު އަލުން އަންނަން ޖެހިދާނެ ތީ އެވެ. އަދި ޔަގީން ކަމެއް ނެތް ދަތުރެއްގައި ފުރަން ޖެހޭތީ އެވެ. އަނެއްކާ ރާއްޖެ އަންނަން ޖެހިއްޖެނަމަ އެކަންވާނީ ވަރަށް ބޮޑު ހަބަރަކަށެވެ. ނޫސްތަކުގައި އޮންނާނީ އެ ވާހަކަތަކެވެ. އޭރުން ކިހާ ލަދު ގަންނާނެ ހެއްޔެވެ. އަނެއްކޮޅުން އޭރުވެސް ސައޫދީ އަރަބިޔާ ބަންދުކޮށް ދިވެހިންނަށް އުމްރާއަށް ނުދެވޭނެ ވާހަކަ އޮތީ ނޫސްތަކުގައި ލިޔެފައެވެ. "އަވަސް" ގައި އެޚަބަރު ލިޔުނީވެސް އަޅުގަނޑެވެ. އޭރު ނަވާގެ އިސް ބޭފުޅުންނާއެކު ކޮފީގައި ތިބޭތާ ހަ ގަޑިއިރު ވަނީއެވެ.

އެކަމާހެދި އެންމެ ފަހު ވަގުތަށް ކުރަން ހުރި ހުރިހާ ކަމެއް ހުރީ ނުކުރެވިއެވެ. އުމްރާއަށް ދިއުމުގެ ކުރީން ގަންނަން ޖެހޭ ޑޮލަރު ކޮޅުވެސް ނުގަަންނަމެވެ. އެކަމަކު ދެން ގަތުމުގެ ބޭނުމެއްވެސް ނެތެވެ. އުމްރާއަށް ދެވޭނެ ކަމުގެ ޔަގީންކަން ގެއްލިއްޖެއެވެ. މާލެއިން ފުރިޔަސް ސައޫދީއަށް އެތެރެވެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެހެންވީމާ ކީއްކުރާ ޑޮލަރެއް ހެއްޔެވެ. ހަމަ އެދުވަހު ނަވާގެ އިތުުރުން އެހެން ޖަމާއަތެއްގެ ހަވާލުގައި އުމްރާއަށްދާ މީހުންވެސް ފުރަން ހަމަޖެހިފައި އޮތެވެ. ނުފުރޭނެކަން ޔަގީންވުމުން އެޖަމާއަތުން އޮތީ އެކަން ހުރިހާ އުމްރާވެރިންނަށް އަންގާފައެވެ.

އެޖަމާއަތުން އަޅުގަނޑުގެ ވަރަށް ގާތް ކުޅިވަރު ނޫސްވެރިޔާ ހުސައިން ފަރިޔާޒު އާއި އޭނާގެ މަންމަވެސް ދާ ގޮތަށް އޮތީ ހަމަޖެހިފައެވެ. ނުފުރޭނެތީ އެއާޕޯޓުން ގެއަށް އައި ވާހަކަ ފަރިޔާޒު އެންގިއެވެ. އެހިސާބުން ސައޫދީ އެއާލައިނުން ދިން ކުޑަ އުންމީދުވެސް ގެއްލުނެވެ. އެހެންނަމަވެސް އަޅުގަނޑު ފުރާން އޮތް ޖަމާއަތުންް އެދުނީ އެއާޕޯޓަށް ދާށެވެ. ބައިގަޑިއިރުތެރޭގައި ތައްޔާރުވެލައިގެން ދާން އެންގިއެވެ. އަޅުގަނޑު ގޮސް އަނެއްކާވެސް އޮށޯވެލީއެވެ. ބޮލަށް ވެފައި ހުރި ބަރާއެކު ވަރަށް ބޮޑަށް ބޮލުގައި ރިއްސައެވެ. ގެއަށް ވަނުމާއެކު ފުރޭ ގޮތެއް ނުވޭތޯ ތިއްތަ ސުވާލު ކުރިއެވެ. އަޅުގަނޑަށް މިދިމާވި ގޮތުން އެންމެ ދެރަ ވާނީ ތިއްތައެވެ.

އޮށޯވެލައިގެން އޮއްވާ ބާރަގަޑި ބައިވެއްޖެ އެވެ. ޖަމާއަތުގެ އިސް ބޭފުޅަކު އަޅުގަނޑު އެއާޕޯޓަށް ނައިސްގެން ގުޅައިފިއެވެ. އަޅުގަނޑު ނޫން އެންމެން އޭރު ތިބީ އެއާޕޯޓުގައެވެ. އެހެންވީމާ ތެދުވެލައިގެން އެއާޕޯޓަށްދާން ތައްޔާރުވީއެވެ. އޭރު އިހުރާމްވެސް ވީ އޮފީހުގައެވެ. އެހެންވެ އޮފީހަށް ގޮސް އިހުރާމް ނަގައިގެން ނިކުންނަނިކޮށް އޮފީހުގެ އިސް ބޭފުޅަކު ގޮވާލައި ފުރޭގޮތެއް ނުވީ ދޯއޭ ބުނެ ހިތްވަރު ދިނެވެ. ނަމަވެސް ޖަމާއަތުން އެއާޕޯޓަށް އަންނަން އެންގީމާ އެއާޕޯޓަށްދާން ޖެހޭ ކަމަށް އަޅުގަނޑު ބުނީމެވެ. އަދި މިކޮޅުން ފުރުނަސް ސައޫދީއަށް އެތެރެނުވެވިއްޖެނަމަ އެނބުރި އަންނަން ޖެހޭނެ ކަމަށް ބުނީމެވެ. އޮފީހުގެ މުވައްޒިފުންނަށް މި ވާހަކަތައް އަޑުއިވުމުން ހީނލާފައި ތިއީވެސް މީހުން އުމުރާއަށް ދާ ގޮތެއްހޭ ބުންޏެވެ. އަޅުގަނޑަށް ބުނެވުނީ މިހެންނެވެ. މިދަނީ ޗާންސަކަށް އުމްރާއަށެވެ.

އޮފީހުގައި ހުރެފައި އެއާޕޯޓަށް ދާން ނިކުތީ ސައިކަލުގައެވެ. ބޮޑުތަކުރުފާނު މަގާއި ދާދި ގާތުގައި އޮތް ގޯޅިއެއްގެ ތެރޭގައި ސައިކަލް ޕާކްކޮށްފައި އިހުރާމް ލާފައި އޮތް ކޮތަޅު އަތުން ހިފައިގެން ބޭރު މަގަށް ނިކުމެ ޓެކްސީއެއް ހޯދައިގެން އެއާޕޯޓަށް ދަތުުރު ފަށައިފީމެވެ. ކަންދިމާކުރި ގޮތުން ޓެކްސީ ޑްރައިވަރަކަށް އިނީ ވަރަށް ސުވާލު ގިނަ މީހެކެވެ. އެއާޕޯޓަށް ދަނީ ކީއްކުރަންތޯ ތަކުރާރުކޮށް ސުވާލުކުރަމުން ދިޔައެވެ. އުމްރާއަށް ފުރަންވެގެންނޭ ބުނެފިނަމަ ލަދުގަންނަ ކަހަލަ އެއްޗެއް ބުނެފާނެތީ ޖަވާބު ނުދޭން ހުރީއެވެ. ނަމަވެސް ކުރުނުކުރުމުން އެވާހަކަވެސް ބުނަން ޖެހުނީއެވެ. އޭރު ސައޫދީ އަރަބިޔާ ބަންދުކުރި ވާހަކަޔާއި އުމްރާވެރިންނަށް ނުފުރޭނެ ވާހަކަ މުޅި ރަށުގައި ދައްކައެވެ.

ސައޫދީ އަރަބިޔާ ބަންދުކޮށްފައި އޮއްވާ އުމްރާއަށް ފުރާތީ އޭނާވެސް ވަރަށް ސުވާލުކުރިއެވެ. އެކަމަކު މާގިނަ ވާހަކަ ނުދައްކައި މިދަނީ "ޗާންސަކަށް" ކަމަށް ބުނެ ވާހަކަ ކުރުކޮށްލީއެވެ. އެއާޕޯޓަށް ގޮސް ފްލައިޓަށް އަރަން ގޮވާލީމާ އިހްރާމް އަޅަން ފާޚާނައަށް ވަނީއެވެ. ދެވޭނެކަމުގެ ޔަަގީން ކަމެއް ކުޑަކޮށްވެސް ނެތީމާ އިހުރާމް ނާޅާ އެހާތަނަށް ފަސްކޮށްލެވުނީއެވެ. އޭރުވެސް ސައުދީ އެއާލައިން ދޭ ޔަގީން ކަމަކީ ސައޫދީ އަރަބިޔާއަށް އެތެރެނުވެވިއްޖެނަމަ ރާއްޖެ ގެނެސްދޭނެ ކަމުގެ ޔަގީން ކަމެވެ. ދަތުރުގައި ބައިވެރިވަނީ އަޅުގަނޑާއެކު 49 މީހުންނެވެ. އެކެއްގެ މޫނުމަތިންވެސް ހިނިތުންވުމެއް ނުފެނެއެވެ.

ފްލައިޓް މަތީގައި އޮތީ ދުއާ ކުރުމެވެ. އަމާން ދަތުރެއް މިންވަރު ކުރެއްވުމާއި އުމްރާގެ އަޅުކަން ފުރިހަމަ ކުރުމުގެ ތައުފީގު ދެއްވުން އެދިއެވެ. ޔަލަމްލަމާ ހަމައަށް ދެވުމާއެކު އުމްރާގެ ނިޔަތްގަތީމެވެ. ނަމަވެސް ނިޔަތް ކިޔަން ޖެހުނުއިރު މާޔޫސްކަން ވީ އިތުރުވެ. އެއީ ތަފާތު އިބާރާތަކުން ނިޔަތް ގަންނަން ޝައިޚު ވިދާޅުވުމުންނެވެ. އަޅުގަނޑުމެން ގުރޫޕްގެ ޝައިހަކަށް މި ބުރުގައި ވަޑައިގެންނެވީ މިހާރު ޖަލުގައި އޮންނެވި އައްޝައިހް ފަޒްލޫން މުހައްމަަދެވެ. ޝައިޚު ވިދާޅުވި ގޮތަށް އަޅުގަނޑުމެން ނިޔަތް ގަތީ އުމްރާގެ އަޅުކަން އަދާނުކުރެވި އެނބުރި އަންނަން ޖެހިއްޖެ ހާލަތެއް މެދުވެރިވެދާނެތީ އެވެ. އެތައް ގަޑިއިރެއްގެ ދަތުރަކަށް ފަހު ޖިއްދާ އެއާޕޯޓުގައި ފްލައިޓް ޖެއްސިއެވެ. އެއްވެސް ކަަމެއް ދިމައެއް ނުވެއެވެ. އެއޮތް ކާރުބާރުބޮޑު އެއާޕޯޓް އޮތީ މުޅީން ހުހަށެވެ.

އަޅުގަނޑުމެން ނޫނީ އެއްވެސް ބަޔަކު ނެތެވެ. ފަސް ހަ ގަޑިއިރުން ނިމޭ އިމިގްރޭޝަނުގެ ކަންކަން ނިންމަން ހޭދަވީ ދިހަވަރަކަށް މިނިޓެވެ. އުމްރާވެރިން އުފުލަން ތައްޔާރުވެފައިވާ ބަސްތަކުން ފުރިފައިވާ ސަރަހައްދު އޮތީ މުޅީން ހުހަވެ. އަޅުގަނޑުމެން ދަތުރުކުރަން އޮތް ބަސް ނޫން ބަހެއް މުޅި ސަރަހައްދުގައިވެސް ނެތެވެ. އެއާޕޯޓުން ނިކުމެ އެރީ ސީދާ ބަހަށެވެ. ޗާންސަކަށް އައި އުމްރާ ދަަތުރުވީ ވަރަށް ފަސޭހަ ދަތުރަކަށެވެ. ހޮޓަލަށް ގޮސް ތައްޔާރުވެލައިގެން ސައިގެ ކަންކަން ނިންމާ އުމްރާގެ އަޅުކަން އަދާކުރަން ހަރަމްފުޅަށް ދިޔައީމެވެ. ހަރަމްފުޅާއި ކައުބާ ހަމަލޮލުން ފެނުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އެއީ ބުނެދޭން ނޭންގޭނެ މަތިވެރި އުފަލެކެވެ. ދުނިޔޭގެ ހުރިހާ ކަމެއްގެ މަތީން ހަނދާން ނެތިދިޔަ ވަގުތުކޮޅެކެވެ. އުމްރާގެ އަޅުކަން ބޯބޭލުމާއެކު ނިމުނީއެވެ. މާތް ﷲ އަށް ހަމްދުކޮށް ޝުކުރު ވެރިވުމުގެ ކޮޅެއްވެސް ނެތެވެ. ސައޫދީ އަރަބިޔާއަށް އާދެވި އުމްރާގެ އަޅުކަން ފުރިހަމަ ކުރެވުނުކަން ފޭސްބުކުގައި ވަރަށް އުފަލާއެކު ހިއްސާކުރީ ހީކުރެވުނު ގޮތާއި މުޅިން ޚިލާފަށް ހުރިހާ ކަމެއްވެސް އެހާ އޮމާންކަމާއި އަމާންކަމާއެކު ކުރިއަށް ގެންދެވުނީތީއެވެ.

މައްކާގައި ދެދުވަހު ތިބެފައި ތިންވަނަ ދުވަހު މަދީނާއަށް ދަތުރު ފެށީމެވެ. މަދީނާގައިވެސް ތިން ދުވަހެވެ. މަދީނާގައި ހޭދަކުރި އެންމެފަހު ދުވަހާ ހަމައަށް ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށެވެ. ނަމަވެސް އެދުވަހު ސައޫދީ ސަރުކާރުން ވަރުގަދަ އިއުލާނެއް ނެރުނެވެ. އެއީ މައްކާއަށްދާން ބޭނުންވާ އެންމެން ސައުވީސް ގަޑިއިރުތެރޭގައި މަދީނާއިން ފުރަން ޖެހޭނެ ކަމަށް އެންގުމުގެ އިއުލާނެކެވެ. މަދީނާ ފުރަބަންދު ކުރަނީއެވެ. އެންގުމުގައިވާ ގޮތުން މަދީނާޔާއި މައްކާ ގުޅޭ ބޯޑަރުގެ ސެކިއުރިޓީ ވަރަށް ވަރުގަދަ ވާނެއެވެ. ޝައްކެއްވިޔަސް މައްކާއަށް އެތެރެވުމުގެ ފުރުސަތު ނުދޭނެއެވެ.

އޭރު މިތިބެވުނީ ދެވަނަ އުމްރާވާން ނިޔަތް ގަނެ އިހުރާމް ބަނދެގެނެވެ. ލިބުނު ޚަބަރާއެކު އަނެއްކާވެސް މާޔޫސް ކަމެއް ހިތަށް ވެރިވިއެވެ. އެއީ ދެންވާނެ ގޮތެއް ނޭނގޭތީއެވެ. އޭރު ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑް ކޭސްތައް ފެނި ހަރުކަށި ފިޔަވަޅުތައް އަޅަނީއެވެ. ގައުމުތައް ތަޅުލައި ފުރަބަންދު ކުރަނީއެވެ. ސައޫދީ ރަސްގެފާނުގެ އަމުރުފުޅު އެގޮތަށް އޮތަސް މަދީނާއިން މައްކާއަށް ކުރި ދަތުރު ވަރަށް އަމާނެވެ. ދެވަނަ އުމްރާވެސް ފުރިހަމަ ކުރެވިއްޖެއެވެ. ނަމަވެސް ކިރިޔަ ކިރިޔާއެވެ. އަޅުގަނޑުމެން އުމްރާވެ ނިމުމާއެކު ހަރަމްފުޅުގެ ތެރެއިން ސަފާ-މަރުވާ ސަރަހައްދު ބަންދުކޮށްފިއެވެ. ވީ ކިހިނެއް ކަމެއް އޭރަކު ނޭނގެއެވެ.

އެއީ އެދުވަހުގެ މެންދުރު ފަހެވެ. ހޮޓަލަށް ގޮސް ފެންވަރައި ކައިގެން އަސުރަށް ހަރަމްފުޅަށް އައީމެވެ. ހަރަމްފުޅަށް ރަނގަޅަށް ނުވަދެވެނީސް ގަޑި ޓަވަރުގައި ހަރުކޮށްފައިވާ ބޮޑު ޓީވީން ފެންނަމުން ދިޔަ މަންޒަރާއެކު ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލަ އެވެ. ކައުބާ ސަރަހައްދުން މީހުން ނެރެ ހުސް ކުރަނީއެވެ. ހިނދުކޮޅެއްގެ ތެރޭގައި ތަވާފްކުރާ ސަރަހައްދު އެއްކޮށް ހުސްކޮށްފިއެވެ. އެވަގުތު އެތަނުގައި ތިބި އެތައް ބަޔަކު ބިރުން ގޮސް ﷲ އަކުބަރޭ ގޮވައެވެ. މިއީ ދުވަހަކުވެސް ފެނިދާނެ ކަމަށް ހީވެފައި އޮތް މަންޒަރެއް ނޫނެވެ. އެތައް ބަޔަކު ބިރުން ރޮނީ އެވެ. ޖެހެން އުޅެނީ ކޮންފަދަ މުސީބާތެއް ހެއްޔޭ މީހުން ސުވާލު ކުރެއެވެ.

ކައުބާގައި ތަވާފު ކުރުން ހުއްޓުމަކީ ދުނިޔެ ހުއްޓުން ފަދަ ކަމެކޭ ބުނެއެވެ. ކިތަންމެ ބިރުން އަދި އިންތިހާއަށް ދެރަވެފައި ހުރިނަމަވެސް ހަމަ އެވަގުތު ނޫސްވެރިއެއްގެ ހައިސިއްޔަތު ހަނދާންވެ ވަގުތުން މިސްކިތުގެ އެންމެ މަތީ ފަންގިފިލާޔަށް އަރައި ކައުބާ ވަށައިގެން ހުސްކޮށް އޮތް މަންޒަރުގެ ފޮޓޯތަކެއް ނެގީމެވެ. އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. އެ މަންޒަރު ފެނި ލޮލުން ކަރުނަ އާދެއެވެ. ބިރުންގޮސް ތުރުތުރު އަޅައެވެ. ފޮޓޯތަކެއް ނެގުމަށް ފަހު މިސްކިތުގައި އިނދެ ފޯނުން އެޚަބަރު ލިޔެ "އަވަސް" ނޫހުގައި ޝާއިއު ކުރީމެވެ. އެއީ ނޫސްވެރިކަމުގައި މުޅިން ތަފާތު ތަޖުރިބާއެކެވެ. ފަޚުރުވެރިވި ރިޕޯޓް ކުރުމެކެވެ.

ނަމަވެސް އިންތިހާއަށް ހިތްދަތި ވަގުތެކެވެ. މުޅި ދުނިޔެއިންވެސް އެ ވަރުގަދަ ޚަބަރު އެންމެ ފުރަތަމަ އިއުލާނުވި އެއް ނޫހަކަށް "އަވަސް" ވާނެ އެވެ. ދެ ހަރަމްގެ ޚަބަރުތަކަށް ޚާއްސަ ހަރަމައިނި ޝަރީފައިނި ޕޭޖުންވެސް އެޚަބަރު އިއުލާނު ކުރީ ހަމަ އެެވަގުތު އެވެ. އެކަންކަން ހިނގަމުންދިޔައިރު ހަރަމްފުޅުގައި ދެން ކަންކަން އިންތިޒާމް ވެފައި އޮންނާނެ ގޮތް ދިޔައީ އިއުލާން ވަމުންނެވެ. ޝައިޚު މެދުވެރިކޮށް އެ މައުލޫމާތު ދިވެހިބަހަށް ގެނެސް "އަވަސް" ނޫހުން އަޅުގަނޑު ފޯރުކޮށް ދިނީމެވެ.

އެރޭ މަޣުރިބު ނަމާދު ނިންމުމަށްފަހު ހަރަމްފުޅު ތެރޭގައި ވީޑިއޯ އޮންކެމެއް ހަދަން ނިންމީމެވެ. ސައޫދީގެ ހާލަތާއި އެގައުުމުގައި އެޅި ފިޔަވަޅުތައް "އަވަސް"ގެ ކިޔުންތެރިންނަށް ގެނެސް ދިނުމަށެވެ. އެކަން ފެށީ އަޅުގަނޑާއެކު އޭރު ހުންނެވި އަދި މިއަދު އަޅުގަނޑުގެ ވަރަށް އެކުވެރި ޝައިޚު މުޖްތަބާ ހަމީދުއާ ވަރަށް ސުވާލުކޮށްފައެވެ. ހުއްދަ ކަމެއްތޯ އަހާފައެވެ. ޝައިޚު އަތަށް ފޯނުދީގެން އޮންކެމް ފެށިތާ ދެ މިނިޓް ނުވަނީސް ސިފައިންގެ ހަތަރު މީހަކު އަޅުގަނޑާ ދިމާއަށް އަންނަ މަންޒަރު ފެނުނެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އަވަހަށް އޮންކޮމް ނިންމަން ހިފީމެވެ. އެކަން ނުވެ އުޅެނިކޮށް ޝައިޚުގެ އަތުގައި އޮތް އަޅުގަނޑުގެ ފޯނު ސިފައިންގެ މީހަކު ޖަހައިގަތެވެ.

އަނެއް ތިން މީހުން އަޅުގަނޑުގެ ކައިރިއަށް އައިސް ސުވާލު ކުރަން ފެށިއެވެ. ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. އަރަބިން ވަރަށް ހަރުހަޑުން ރުޅިވެރިކަމާއެކު ސުވާލު ކުރަމުންދިޔައެވެ. އެ މީހުންނާއި ވާހަކަ ދެއްކީ ޝައިޚެވެ. އަޅުގަނޑުމެން ދެ މީހުން ޒާތެއްގެ ބަންދަކަށް ދިޔައެވެ. އެތައް ވާހަކައެއް ދެއްކުމަށް ފަހު އަޅުގަނޑުމެން ދޫކޮށްލީ އޮންކެމްގައި ދައްކާފައި ހުރި ވާހަކަތައް ސިފައިންގެ މީހުން އަޑުއަހާފައެވެ. އެކަމަކު އަޅުގަނޑު ވާހަކަ ދައްކާފައިހުރީ ދިވެހި ބަހުން ކަމަށްވާތީ އެ މީހުންނަށް މޭރުމެއްވެސް ނުވާނެ ނޫން ހެއްޔެވެ. ސުވާލު އުފެދުނީ ދެތިން ފަހަރަކު ރަސްގެފާނު ސަލްމާނާއި ވަލީއަހުދު މުހައްމަދުގެ ނަން ކިޔާތީ އެވެ. އެ މީހުން ތަކުރާރުކޮށް އެއީ ރަސްގެފާނު ސަލްމާނާއި ވަލީއަހުދާއި ގުޅޭގޮތުން އަހަރެމެން ދެއްކީ ކޮން ވާހަކައެއްތޯ އެވެ.

އަޅުގަނޑު އޮންކެމްގައި ބުނެފައިވަނީ ރަސްގެފާނާއި ވަލީއަހުދު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ވާހަކައެވެ. އެތައް ވާހަކައެއް ދެއްކި ފަހުން ފުލުހުން އަޅުގަނޑުމެން ދޫކޮށްލައިފި އެވެ. އޭރު އަޅުގަނޑު ހުރީ ބިރުން ރޫރޫ އަޅައެވެ. މިއޮއް ދިމާވި ކަމެކެވެ. ނަމަވެސް އޭގެކުރީންވެސް އަޅުގަނޑުގެ ކަންބޮޑުވުން ޝައިޚު ފިލުވައި ދެއްވިއެވެ. ޝައިޚު ވިދާޅުވީ އުމްރާވެރިން ހައްޔަރު ނުކުރާނެ ކަމަށެވެ. ސިފައިންގެ ކިބައިން ސަލާމަތްވުމުން ގަޑިޓަވަރަށް ވަދެ ރަނގަޅަށް ކާލީ އެވެ. އެއީ ގެންފައި ހުރި ބިރު ފިލުވާލުމަށެވެ.

ކައުބާ ސަރަހައްދު ބަންދުވެ ސަފާ މަރުވާ ސަރަހައްދު ބަންދު ކުރުމުން އިތުރު އުމްރާއެއް ނުވެވޭނެކަން ޔަގީންވިއެވެ. އެއީވެސް ވަރަސް ދެރަވި ކަމެކެވެ. ނަމަވެސް މިފަދަ ވަގުތެއްގައި ހިތަށްވެސް ނުގެނެވޭހާ ފަސޭހައިގައި ދެ އުމްރާ ވެވުނީތީ ހާސްފަށުން ހަމުދުކޮށް ޝުކުރުވެރިވީމެވެ. އެދުވަހު ފެނުނު އެންމެ ހިތްދަތި މަންޒަރަކީ އިހްރާމް އަޅައިގެން ތިބި އެތައް ބަޔަކަށް އުމްރާ ނުވެވުމުން އެމީހުން ވެފައި ތިބި ދެރައެވެ. އެމީހުން ރޮއެ ގިސްލަމުން ދިޔައީ އެންމެ ފުރުސަތެއް ދިނުމަށެވެ. ނަމަވެސް ކޮވިޑުގެ ނުރައްކާ އޮތުމުން އެފުރުސަތެއް ނުދިނެވެ.

މާޗް ދެވަނަ ދުވަހު ސައޫދީ އަރަބިޔާއިން ފުރަތަމަ ފަހަރަކަށް ކޮވިޑް ކޭހެއް ފެނުނެވެ. އެއީ އިރާނުން ބަހުރައިނަށް ދިއުމަށްފަހު ސައުދީއަށް އައި މީހެކެވެ. އެހާ ހިސާބުން ވަރަށް ގިނަ ފިޔަަވަޅުތައް އެޅިއެވެ. ސައޫދީން -- ސައުދީ މީހުން -- ހަރަމްފުޅަށް އައުން މަނާކުރިއެވެ. ކާރޫބާރުބޮޑު އެސަރަހައްދު މުޅީން ފަޅުވިއެވެ. މަގުމަތީގައި އޮންނަ ބޮޑެތި ބާޒާރުތައް މުޅީން ފަޅުވިއެވެ. ވިޔަފާރިތައް ހުއްޓި ދުވަހަކުވެސް ސައުދީން ނުދެކޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ އެވެ. ހަމަ އެދުވަހު އިޝާގެ ފަހުން ދެ ހަރަމްފުޅު ބަންދު ކުރަން ފެށިއެވެ. އިޝާ ނިމުމާއެކު ހަރަމްފުޅުން ނިކުނަން ޖެހެއެވެ. އިހުރާމް އަޅައިގެން ހަރަމްފުޅަށް ވަނުންވެސް މުޅިން މަނާކުރިއެވެ.

މިސްކިތަށް ކާބޯތަކެތި ވެއްދުމާއި ކެއުން މަނާ ކުރެވިއްޖެ އެވެ. ޒަމްޒަމް ފެން ލިބޭނެ ގޮތަށް ހަރަމްފުޅުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ އެތައް ސަތޭކަ ފެން އިސްކޫރެއް ބަންދުކުރިއެވެ. ނަބަވީ މިސްކިތުގައި އަބަދުވެސް އެންމެ ބާރުބޮޑު ރައުޟާއަށް ޒިޔާރަތް ކުރުން މަނާވިއެވެ. ކީރިތި ރަސޫލާގެ އިތުރުން، އަބޫބަކުރުގެފާނާއި، އުމަރުގެފާނުވެސް ފަސްދާނުލެލެވިފައިވާ ސަރަހައްދުގައިވާ ރައުޟާއަކީ ސުވަރުގޭގެ ބިންކޮޅެއް ކަމަށް ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ. ރައުޟާއަކީ އައިޝަތުގެފާނުގެ ގަނޑުވަރާއި ރަސޫލާގެ މިންބަރުކޮޅާ ދެމެދުގައިވާ ސަރަހައްދެވެ. ރޯދަވެރިންނަށް ޚާއްސަކޮށްގެން ހޯމަ ބުރާސްފަތީގައި ނަބަވީ މިސްކިތުގައި އޮންނަ ސުފުރާތައް ހުއްޓާލިއެވެ.

ނަބަވީ މިސްކިތުގެ އިރުމަތީ ފަރާތުގައިވާ -- ބަޤީޢު -- ގަބުރުސްތާނަށް ޒިޔާރަތް ކުރުންވެސް ހުއްޓުނީއެވެ. މާތް ރަސޫލާގެ ބައެއް އަނބިއަނބިކަނބަލުންނާއި ބައެއް ދަރިދަރިކަލުންނާއި ހުރިހާ ދަރިކަނބަލުން އަދި ވަރަށް ގިނަ ސަހާބީންވެސް ފަސްދާނުލާފައިވާ މި ގަބުރުސްތާނަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޒިޔާރަތް ކުރެއެވެ. މިހުރިހާ ފިޔަަވަޅުތަކުން ސިފަ ކުރެވެނީ އެންމެ ކަމެކެވެ. ދުނިޔެ ނިމެނީއެވެ. އެނޫން އެއްވެސް އިހުސާސެއް ނުކުރެވެއެވެ. އެހެނީ މިއިން ޒަމާނެއްގައި މިވަރު ކަމެއް ނުވެއެވެ. މިކަންކަން މިހިރަ ވަމުން ދަނީ ލޮލުގެ ކުރިމަތީގައެވެ.

ކޮވިޑް ކޭސްތައް މައްކާ އާއި މަދީނާ އަދި ޖިއްދާއިން ފެނި އެހުރިހާ ސިޓީއެއްގައި ފިޔަވަޅުތައް ވަރުގަދަކުރިއެވެ. އެހެންކަމުން ދަތުރުގައި ބާކީ ދެތިން ދުވަސް އޮއްވާ ފުރަން ނިންމީ އެވެ.

އެއީ ރާއްޖެ އަންނަން އެދޭނަމަ އެވަގުތަށް މަޖުބޫރު ފިޔަވަޅެކެވެ. ފުރުމާ ހަމައަށް ހަރަމްފުޅުން ފެނުނު އެންމެ ޚާއްސަ އެއްކަމަކީ ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންދިޔަ މަސައްކަތެކެވެ. ދުވާލަކު ހަ ފަހަރު އެއޮތް ބޮޑު ތަން ފެނުން ދޮންނަން ކުރިއަށް ގެންދާ އިންތިޒާމީ ވަރުގަދަ އޮޕަރޭޝަނެެވެ. ސެނެޓައިޒް ކުރުމާއި އެނޫން ކަން ކަމަށް ކުރަމުންދިޔަ މަސައްކަތެވެ. އިލެކްޓްރޯނިކް އާލާތެއް ބޭނުންކޮށްގެން ދޫލަތަކާއި ތަށިމުށިތައް ސާފުކުރާއިރު، މަސައްކަތު މީހުންގެ އެތައް ސަތޭކަ ބަޔަކު އަބަދުވެސް ހަރަމްފުޅު ތެރޭގައި ހަރަކާތްތެރިވަމުންދެއެވެ. މިޒާތަކުން އެތައް ތަޖުރިބާތަކެއް ކުރުމަށްފަހު އެނބުރި މާލެ އާދެވުނީ މާޗް މަހުގެ ފަސްވަނަ ދުވަހުއެވެ.

ހަވަނަ ދުވަހު ރާއްޖެއިން ކޮވިޑް ކޭހެއް ފެނުނެވެ. ޗާންސަކަށް ދިޔަ އުމްރާ ދަތުރުވެގެން މިދިޔައީ އުމްރާގެ އަޅުކަން ވަރަށް ފަސޭހައިން ކުރެވުނު ނަމަވެސް ދުވަހަކު ހިތުން ފިލައިގެން ނުދާނެ އެތައް ކަމެއް ތަޖުރިބާ ކުރެވުނު ދަތުރަކަށެވެ. މިއީ ނޫސްވެރިކަމުގެ ހަޔާތުގައިވެސް އަޅުގަނޑަށް ކުރެވުނު އަދި ކުރެވޭނެވެސް އެންމެ ތަފާތު އެއް ތަޖުރިބާއަށް ވާނެއެވެ. އެދުވަހުން ފެށިގެން އެތައް މަހެއް ވަންދެން އުމްރާގެ އަޅުކަން މެދުކެނޑުނެވެ. ހައްޖުވެސް އެއަހަރު ކެންސަލް ކުރަން ޖެހިދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ފަހުން ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައީ މަދު ބަޔަކާއެކު އެވެ. ބަލިމަޑުކަމުން ސަލާމަތްވެ ސައޫދީގެ ބޯޑަރު ހުޅުވި އުމްރާގެ އަޅުކަން އަލުން ފެށުނީ އެތައް ދުވަހެއް ފަހުންނެވެ. މިއަދު މިއީ އޭގެ ފަހުން ދެ ވަނަ އަހަރެވެ. މި ވާހަކަ އަޅުގަނޑު ހިއްސާކުރިއިރު ދިވެހީން ހިމެނޭހެން މިލިއަނެއްހާ މީހުން އެތިބީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް މާތްކުރެއްވި އަރަފާތު ބިމުގައެވެ. ހާލަތު ބަދަލު ކުރެއްވި ކަމުގެ މައްޗަށް މާތްﷲގެ ކިބަފުޅަށް ހާސްފަށުން ހަމްދު ކުރަމެވެ.