ދުނިޔެ

ނޮވެމްބަރު 15 ގައި، ދުނިޔޭގެ އާބާދީ 8 ބިލިއަނަށް

މި އަހަރު ނޮވެމްބަރު 15 ގައި ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އދ. އިން ބުނެފި އެވެ. އދ. އިން ބުނާ ގޮތުން އާބާދީ އެންމެ ބޮޑު ގައުމެއް ގޮތުގައި ޗައިނާ އޮތް އޮތުން އަންނަ އަހަރު ނިމި އެ ޝަރަފު އިންޑިއާއަށް ލިބޭނެ ކަމަށެވެ.

ދުނިޔޭގެ އާބާދީ ހެދިބޮޑުވަމުން އަންނަ ގޮތަށް ބަލައި އދ. އިން އާންމު ކުރި ރިޕޯޓް ބުނާ ގޮތުން އާބާދީ އިތުވާ ނިސްބަތް 2020 ގައި ވަރަށް ބޮޑަށް ދަށްވި އެވެ. ވަކި ސަބަބެއް ހާމަނުކޮށް ބުނީ އެއީ 1950 އަށް ފަހު އާބާދީ އިތުރުވުން އެއްމެ ދަށް އަހަރު ކަމަށެވެ. އެހެން ނަމަވެސް، އަށް ބިލިއަނަށް އަރާނެ ކަމަށް ކުރިން ލަފާކޮށްފައި އޮތީ އަންނަ އަހަރު، 2023 ގަ އެވެ.

އދ. އިން އަންދާޒާކުރާ ގޮތުގައި ދުނިޔޭގެ އާބާދީ އަށެއް ބައި -- 8.5 ބިލިއަނަށް 2030 ގައި އަރާނެ އެވެ. އަދި 2050 ގައި 9.7 ބިލިއަނަށް އަރާނެ އެވެ.

ދުނިޔޭގެ އާބާދީ މިހާރު އިތުރުވާ ނިސްބަތަށް ބަލާއިރު، އދ. އިން ބުނާ ގޮތުން 2080 ލައިގަންނައިރު، ނުވަތަ އެހާ ހިސާބުގައި އާބާދީން އުޅޭނީ 10.4 ބިލިއަނުގަ އެވެ. އަދި މާބޮޑު ކުރިއެރުމެއް ނެތި 2100 އަހަރު ވޭތުވެގެން ދާނެ އެވެ.

ބައްރުތަކުގައި އަދި ވަކިވަކި ގައުމުތަކުގައި އާބާދީ އިތުރުވާ ނިސްބަތަށް ބަލައި ހިސާބުޖަހާ މީހުން ދެކޭ ގޮތުގައި ބޯމަދުކުރުމަކީ ރަނގަޅު ކަމެއް ގޮތުގައި ބައެއް ގައުމުތަކުން ވިސްނާ ވިސްނުން އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ.

ތަޖުރިބާކާރުން މިސާލު ޖަހަނީ ޖަޕާނުންނެވެ. އާބާދީ އިތުރުވުން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން މުސްކުޅި އުމުރު -- ދޮށީ އުމުގެ މީހުން މާބޮޑަށް ގިނަވުން ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ.

ޖަޕާންގެ އިގުތިސޯދު އެކަށީގެންވާ ވަރަށް ކުރިނާރަނީ މުސްކުޅިން ގިނަކަމުން ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ މަސައްކަތްކުރާ ފުރާގައި ބޯމަދުވުމުގެ ސަބަބުންނެވެ.

އުމުރުން ގިނަދުވަސްވެ ވަރުދެރަވާން ފެށުމުން އުފެއްދުންތެރި މަސައްކަތްތަކުގައި ޝާމިލުވެ އުޅުން ގިނަ ބަޔަކަށް ބުރައަކަށް ވެ އެވެ. މިތަން ފޫބައްދަން ބޭނުންވާ ނޫކަށި ފުރައިގެ ޒުވާނުން ޖަޕާންގައި ނެތުމަކީ ސަރުކާރުގެ ސިޔާސަތުން ގެނައި ބަދަލަކަށް ވާތީ އާންމުން ތިބީ ނުރުހިފަ އެވެ.

އިންޑިއާގެ އާބާދީ ކޮންޓްރޯލްކުރަން ސިޔާސީ މީހުން ދައްކާ ވާހަކަތަކަށް ރައްދުދޭ މީހުން ބުނާ ގޮތުން އިންޑިއާގެ އާބާދީ އެއްގޮތަކަށް ވެސް ކޮންޓްރޯލްކޮށްގެން ނުވާނެ އެވެ. ބޯގިނަވާ ވަރަކަށް ބަލަންވީ މަސައްކަތްތައް އިތުރުކުރަން ކަމަށް އެ މީހުން ބުނެ އެވެ.