ސްރީލަންކާ

ބަސިލް ރާޖަޕަކްސަ ފުރަން ހުރަސް އަޅައިފި

ލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސަ، ފުރަން އުޅުމުން އެކަމަށް ހުރަސް އަޅައިފި ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބަސިލް ވަނީ ލަންކާގެ ކަޓޫނާޔަކޭ އެއާޕޯޓުން މިއަދު ފުރަން މަސައްކަތް ކޮށްފައެވެ. ލަންކާއަށް ނިސްބަތްވީ ނަމަވެސް ބަސިލް އަކީ އެމެރިކާގެ ރަށްވެހިކަން އޮތް ބޭފުޅެކެވެ.

ބަސިލް ފުރަން އެއާޕޯޓްގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައްވެސް ވަނީ އާންމުވެފައެވެ. ބަސިލް ފެނުމާއެކު އެއާޕޯޓްތެރޭގައި ތިބި އާންމުން ވަނީ ރުޅިވެރިކަމާއެކު އަޑުއުފުލަން ފަށާފައެވެ. އަދި އެއާޕޯޓްގެ އޮފިޝަލުންނަށް އަމާޒުކޮށް ބަސިލް ފުރުމަށް ފުރުސަތު ނުދޭން ގޮވާލާ އަޑުއުފުލި އެވެ. ލަންކާ މިހާރު އޮތް ހާލަތުގެ ޒިންމާ ބަސިލް ނަންގަވަން ޖެހޭނެ ކަމަށް އެ މީހުން ދެކެއެވެ. ލަންކާ މިހާރު އޮތް ހާލަތަށް ވެއްޓިގެން ދިޔައީ ބަސިލްގެ ފިނޭންސް މިނިސްޓަރު ކަމުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފަސިންޖަރުން މުޒާހަރާ ކުރަން ފެށުމުން އޮފިޝަލުން ވަނީ ބަސިލް ޗެކިންކޮށްދޭންވެސް ދެކޮޅު ހަދާފައެވެ. އެހެން ކަމުން ބަސިލް އެނބުރި ވަޑައިގެންފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ރަސްމީ އިދާރާއެއްގެ ބަހެއް ނެތެވެ.