ރަޝިޔާ

މިއަންމާ އާއެކު ދިފާއީ ގުޅުން ބަދަހިކުރާނެ: ރަޝިއާ

މިއަންމާ އާއެކު ދިފާއީ ގުޅުން ހަރުދަނާ ކުރާނެ ކަމަށް ރަޝިއާ ބުނެފި އެވެ.

މިއަންމާގެ އަސްކަރީ ލީޑަރު މިން އަންގް ހުލަން އާއެކު މޮސްކޯގައި ބޭއްވި ބައްދަލުވުމަށް ފަހު ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ދުނިޔޭގެ މަޝްރަހު މިހާރު ކޮންމެ ގޮތަކަށް އޮތް ނަމަވެސް ދެގައުމުގެ ގުޅުމަށް ބަދަލެއް ނާންނާނެ އެވެ.

މިއަންމާގައި އޮތް އަން ސަން ސޫޗީގެ މަދަނީ ވެރިކަށް 2021 އަސްކަރިއްޔާއިން ވައްޓާލައި ގައުމުގައި ހިންގަމުން ގެންދާ ލޭއޮހޮރުވުންތައް ދުނިޔެ ކުށްވެރިކުރި ނަމަވެސް ރަޝިއާ އެގޮތަކަށް އަމަލެއް ނުކުރެ އެވެ.

އަސްކަރިއްޔާއިން އެއިރު ބުނީ ގައުމުގެ ހާލަތު ބަދަލުކުރަން ޖެހުނީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ. އެއީ ނޮމެވްބަރު 8، 2020 ގައި އޮތް އާންމު އިންތިހާބު ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ވެސް އަސްކަރީ ވެރިން ތުހުމަތު ކުރެ އެވެ.

އެހެން ނަމަވެސް، ފާޑުކިޔާ މީހުން ބުނާ ގޮތުން މަދަނީ ސަރުކާރުގެ މައްޗަށް އަސްކަރިއްޔާ ފުންމާލީ ވެރިކަން ކުރާ ޕާޓީން މާބޮޑު ކާމިޔާބެއް ހޯދުމުންނެވެ.

މިއަންމާގައި އދ. ތަމްސީލްކުރާ ހައްގުތަކާ ބެހޭ ސަފީރު ތޯމަސް އެންޑްރޫސް ވިދާޅުވި ގޮތުގައި ރަޝިއާ އާއި މިންއަންމާ އޮންނަނީ ހުރިހާ ގޮތަކުން ވެސް އެއްބާރު ލުމުގެ ރޫހެކެވެ. އަދި ރަޝިއާއިން އަސްކަރީ އާލަތްތައް މިއަންމާއަށް ސަޕްލައި ކުރެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިއާއިން އަސްކަރީ ޑްރޯނާއި އަސްކަރީ ޖެޓް ފައިޓަރުތައް މިއަންމާއަށް ފޯރުކޮށްދެ އެވެ. އަދި އެކަމަށް ބޭނުންވާ ތަމްރީނާއި މަރާމާތުކުރަން ބޭނުންވ ބައިތައް ވެސް ފޯރުކޮށްދެ އެވެ.

މިއަންމާގެ އަސްކަރީ ވެރިޔާ ރަޝިއާއަށް ކުރައްވާ ދަތުރަކި އޭނާގެ އަމިއްލަ ދަތުރެއް ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ. އެހެން ނަމަވެސް، ދެގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަކީ ރަސްމީ އަދި އެއަށް އަމަލުކުރެވޭނެ މާއްދާތަކެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.