ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައިވާއިރު އެކަމާއި ގުޅޭ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހަށް އެނގިފައިނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ދެންމެ ބުނެފި އެވެ.
ގޮޓަބަޔަ ރާއްޖެ ވަޑައިގަތުމަށް އެކަމަށް މަގުފަހިކޮށް ދެއްވީ ރައީސް މުހައްމަދު ނަޝީދު ކަމަށް އަޑުތައް އެބައޮތެވެ. އެ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އެކަމުގެ މައުލޫމާތު މަޖިލީހަށް އެނގިފައި ނެތް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކަށް އެނގިފައި ނެތް ވާހަކަ ދަންނަވަން،" ނޫސްވެރީންނަށް ހާއްސަ މަޖިލީހުގެ އިދާރާގެ ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖްގައި ވިދާޅުވިއެވެ.
ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށާ ރޭ ދަންވަރުގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވާ ކަމަށް އޭއެފްޕީ އާއި ބީބީސީ އިންވެސް ވަނީ ރިޕޯޓް ކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޭ މެންދަމުގެ ވަގުތެއްގައި ގޮޓަބަޔަ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފައި ވަނީ އަސްކަރީ މަތިންދާ ބޯޓެއްގައެވެ. އެމަނިކުފާނަށް އެއާޕޯޓުން ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވި ކަމުގެ އަޑުތައްވެސް އެބަ އޮތެވެ.
އަދި ގޮޓަބަޔަ ރާއްޖޭގައި ހުންނެވިކަން ސިއްރު ކުރެއްވުމުގެ ގޮތުން ވީއައިއޭ -- ދިވެހީންގެ ބައިނަލްއަގްވާމީ އެއާޕޯޓް -- ގެ މުވައްޒިފުންނަށް ވެސް ތަފާތު މައުލޫމާތުތަކެއް ދީފައިވާ ކަަމަށް އަޑުތައް ފެތުރިފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ލަންކާގެ ބައިނަލްއަގްވާމީ އެއާޕޯޓުން ފުރި އެންޓޮނޯވް-32 މަތިންދާބޯޓެއް ގައި ތިބި ހަތަރު ފަސިންޖަރުންގެ ތެރޭގައި އުމުރުން 73 އަހަރުގެ ރައީސް ގޮޓަބަޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބޮޑީގާޑަކު ހިމެނެއެވެ. އެ ބޭފުޅުން ވީއައިއޭގައި ތިއްބެވުމަށް ފަހު މިހާރު ފުރާފައިވާ ކަމަށެވެ. ދެން ވަޑައިގެންނެވީ ކޮން ތާކަށް ކަމެއް ސާފުނުވާ ކަމަށެވެ.
ލަންކާގެ އެއާފޯސް އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުތަކާ އެއްގޮތަށް އަދި ޑިފެންސް މިނިސްޓްރީގެ ރުހުން ލިބިގެން ދިވެހިރާއްޖެއަށް ފުރުމަށް އެސްއެލްއޭއެފްގެ މަތިންދާބޯޓެއް ރައީސުލްޖުމްހޫރިއްޔާ ތައްޔާރު ކުރެއްވި ކަމަށެވެ. އަދި އެމަނިކުފާނު އެ ދަތުރުފުޅު ކުރައްވާފައިވާ ކަމަށެވެ.