ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތުމުގައި ދިވެހި ދައުލަތުގެ އިދާރާތަކުން އަމަލުކުރި ގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މައްސަލައެއް ހުށަހަޅައިފި އެވެ.
އެމްއެންޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސްރީލަންކާ ސިޔާސީ އަދި އިގްތިސޯދީ އަނދަވަޅެއްގައި އޮއްވާ އަދި ލަންކާ ރައްޔިތުން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާ ވަގުތެއްގައި ކުއްލި ގޮތަކަށް ލަންކާގެ ރައީސް ގޮތަބަޔާ ރާއްޖެއަށް ވަޑައިގަތުމަކީ ލަންކާ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ނަފްރަތު ރާއްޖެއަށް އަމާޒުވާނެ ކަމެއް ކަމަށެވެ.
މިކަމަކީ އެމްއެންޕީން ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަކޮށް އެ ޕާޓީން ހުށަހެޅި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ. އެކަންކަން ތަފްސީލްކޮށްދީ އެމްއެންޕީން މިއަދު ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ.
"އެކަންކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާ، ދިވެހިންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެހެން ދިވެހި ދައުލަތުން އަވަސް ފިޔަވަޅު އެޅުއްވުމަށް އެމްއެންޕީގެ ޕީޖީ ގުރޫޕުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
އެމްއެންޕީން ފާހަގަކުރާ ފުރަތަމަ ކަންބޮޑުވުމަކީ ލަންކާގެ ރައްޔިތުންގެ ނަފްރަތު އެ ގައުުމުގެ ސަރުކާރަށް އިންތިހާ ދަރަޖައަށް ކުރިމަތިވެ ރައްޔިތުންގެ މުޒާހަރާތައް ސަލާމަތީ ބާރުތަކަށް ކޮންޓްރޯލް ނުވެ، ވެރިކަން ކުރާ ފަރާތްތަކަށް ނިސްބަތްވާ އިމާރާތްތައް އަންދަމުންދާ ދަނޑިވަޅެއްގައި ރާއްޖެއިން ލަންކާގެ ރައީސް ގޮތަބަޔާ ފިއްލެވުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެގައުމުގެ ރައްޔިތުންނަށް ގަބޫލުކުރެވޭތީ އޭގެ ސަބަބުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލާއި ދުއްތުރާ އެވެ.
"މިޕާޓީ އިން ކަށަވަރުކުރަން ބޭނުންވަނީ ދިވެހި ސަރުކާރުގެ މިއަމަލާ ގުޅިގެން ދިވެހިންނަށް ދިމާވެދާނެ ކޮންމެ ނުރައްކަލެއްގައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ދިވެހި ސަރުކާރަށް ލިބިގެންވޭތޯއާއި ސްރީލަންކާގެ ސަރުކާރުގެ އަމުރުމައުރޫފް ނުހިންގޭ މިހާލަތުގައި ދިވެހި ސަރުކާރަށް މިކަންކުރެވޭނެ ކަމާމެދު މިޕާޓީއަށް ސުވާލު އުފެދޭ ކަމެވެ. ވީމާ މިޕާޓީން އެދެނީ މިކަމާ ސަރުކާރުން ވީހާވެސް އަވަހަށް ވިސްނަވާ، ވިލަރެސް ކުރަންޖެހޭ ފަރާތްތަކާއި އެކު އަވަހަށް ވިލަރެސްކޮށް ކަންކަން ތަރުތީބު ކުރައްވާ، ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް، ކުޑަވެސް ނުރައްކަލެއްގެ ސިގްނަލް ލިބުމާއެކު އަމަލުކުރާނެ ގޮތް އެފަރާތްތަކަށް އަވަހަށް އަންގަވާ ދެއްވުމަށެވެ،" ބަޔާނުގައިވެ އެވެ.
އެމްއެންޕީގެ ދެވަނަ ކަންބޮޑުވުމަކީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސަލާމަތާއި ރައްކާތެރިކަމެވެ.
"ސަބަބަކީ އެ ގައުމުގައި ވަޒަންވެރިވެގެން އުޅޭ ދިވެހި ރައްޔިތުންނާ އެހެންވެސް ސަބަބުތަކާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންނަށް އެހީތެރިވުމުގެ ފުރަތަމަ ސަފުގައި މަސައްކަތް ކުރަންޖެހޭނީ ދިވެހި ހައިކޮމިޝަނަށް ކަމަށްވާތީ އެވެ،" ބަޔާނުގައިވެ އެވެ.
އެމްއެންޕީގެ ތިންވަނަ ކަންބޮޑުވުމަކީ ގޮތަބަޔާގެ މައްސަލައިގައި ދިވެހި ސަރުކާރުން އެޅި ފިޔަވަޅު އެޅި ސަބަބުން ދިމާވެދާނެ ނުރައްކަލާއި ނުރައްކަލުގެ އެސެސްމަންޓެއް ހަދާފައިވާކަން ދޭހަވާނެ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން ނުފެނުމެވެ. އަދި މިކަމުގައި އެންމެ ކުރީ ސަފުގައި އަމަލީގޮތުން ހަރަކާތްތެރިވާ ތަން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެކަމަކު މިކަމަކީ ހުރިހާ މަރުހަލާއެއްގައި ވެސް ސަރުކާރުން ހަރަކާތްތެރިވާން ޖެހޭ ކަމެއް ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މިކަމުގައި ރައީސް ނަޝީދު އަދާކުރެއްވި ދައުރާއި އޭގެފަހަތުގައިވާ ކަންކަން މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކާއ ދިވެހި ރައްޔިތުންނަށް އެނގެންވާނެ ކަމުގައި އެމްއެންޕީން ދެކޭ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެމްއެންޕީގެ ހުށަހެޅުމަކީ ރައީސް ނަޝީދު އެ މައުލޫމާތު ލަސްނުކުރައްވާ ހިއްސާކުރެއްވުން ކަމުގައިވެސް ބުނެފައިވެ އެވެ.
"މިކަންކަމަކީ ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ގުޅިފައިވާ ކަންކަން ކަމަށްވާތީ އެމްއެންޕީގެ ޕީޖީ ގުރޫޕްގެ ފަރާތުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީއަކުން މިކަންކަން ބައްލަވާ، ސަރުކާރުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުން އަވަސްކޮށް ދެއްވުމަށެވެ. އަދި އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިމައްސަލަ ބެއްލެވުމުގައި ސަރުކާރުން ސްރީލަންކާގެ ރައީސްއަށް ދެއްވާފައިވާ ވިސާގެ ބާވަތާއި، އެފަދައިން އަމަލުކުރެއްވި ސަބަބު އޮޅުންފިލުވައި ދެއްވުމަށް މިޕާޓީން އެދިފައިވާނެ އެވެ." އެމްއެންޕީން މަޖިލީހަށް މައްސަލަ ހުށަހެޅުމަށްފަހު ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.