އަހުމަދު ޝިޔާމް

މުހައްމަދު އިސްމާއިލް ޓެރަރިޒަމަށް ހިތްވަރެއް ނުދެއްވާނެ: ޝިޔާމް

Jul 14, 2022
2

ޕީޕީއެމް ހަރަކާތު ޑިޕާޓްމަންޓުގެ ޗެއާ އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މުހައްމަދު އިސްމާއިލް އަކީ ދުވަހަކުވެސް ގައުމުގެ މަސްލަހަތު ނަގާލާ ޓެރަރިޒަމަށް ހިތްވަރު ދެއްވާނެ ބޭފުޅެއް ނޫން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

މުހައްމަދު އިސްމާއިލްގެ ދިފާއުގައި ޝިޔާމު މިއަދު ވާހަކަދައްކަވާފައިވަނީ އޭނާ ކުރައްވާފައިވާ ޓްވީޓްތަކެއްގަ އެވެ.

ޝިޔާމު ވިދާޅުވީ މުހައްމަދު އިސްމާއިލް އަކީ ދުވަހަކުވެސް ގައުމުގެ މަސްލަހަތު ނަގާލާ ޓެރަރިޒަމަށް ހިތްވަރު ދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި މުހައްމަދު އިސްމާއިލަކީ މިހާތަނަށް ޖިނާއީ އަދި މަދަނީ އެއްވެސް ކުށަކަށް އަރައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ އިންޑިއާ ރުއްސައިގެން ލިބޭނެ ސިޔާސީ ހިތްހަމަޖެހުމެއް ހޯދުމަށް ކަމަށް ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ މުހައްމަދު އިސްމާއިލާއި އޭނާގެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވާ އަނިޔާ ދިވެހި މުޖުތަމައު މިއަދު ބަލައިނުގަންނަ ކަމަށެވެ.

"ނެރުއްވައިގެން ތިޔަ އުޅުއްވާ ރިޔާސީ ގަރާރާއި އެކު މުއައްސަސާތަކަށް ތިޔަ ކުރައްވާ އަމުރުތަކާ އެ އަމުރުތަކާއި ގުޅިގެން ތަންފީޒުކުރަމުންދާ ކަންކަމަކީ ކަޅާއި ހުދުން ލިޔެފައިވާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި އެ ގާނޫނުއަސާސީގެ އަލީގައި ހެދިފައި ހުރި ގާނޫނުތަކާއި މުޅިން ހިލާފަށް ކުރައްވަމުން ގެންދަވާ ޣައިރު ގާނޫނީ އަމަލުތަކެއްކަން ހުދު މަނިކުފާނަށްވެސް ވަަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" ޝިޔާމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުހައްމަދު އިސްމާއިލަށް ކޮށްފައި ހުރި ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކޮށްފައި ހުރި ތުހުމަތުތަކެއް ނޫން ކަމަށެވެ. މުއްދަތު މަޖިލިސްތަކުގެ ފަނޑިޔާރުންނަށްވެސް އެކަން އެނގިވަޑައިގެން ތިއްބަވާ ސަރުކާރުން އެދޭހާ ގޮތަކަށް މުއްދަތު ޖަހައިދިނުމަކީ އިންތިހާއަށް ކަންބޮޑުވެ ހިތާމަ ކުރައްވާ ކަމެއް ކަމުގައިވެސް ޝިޔާމު ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް ސޯލިހަށް ހަރުއަޑުން ގޮވާލަނީ ގާނޫނީ އިމަށް ވަދެވަޑައިގެން ގާނޫނީ ހުދޫދުގެ ތެރެއިން މުހައްމަދު އިސްމާއިލް އަދި މިމައުލޫގެ އެހެން ހައްޔަރީންނާ ދޭތެރޭ އަމަލުކުރައްވާ މިހާރުން މިހާރަށް ހައްޔަރުން ދޫކޮށްލެއްވުމަށް،" ޝިޔާމު ވިދާޅުވެފައިވެ އެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވާ، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މުހައްމަދު އިސްމާއިލް ހައްޔަރުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. މުހައްމަދު އިސްމާއިލްގެ ބަންދަށް މިހާރު ވަނީ ތިންވަނަ ފަހަރަށް މުއްދަތު ޖަހާފަ އެވެ. އެންމެ ފަހުން ދިނީ 30 ދުވަހުގެ މުއްދަތެވެ.