ޕިކްނިކް އައިލެންޑް

ކުޑަބަނޑޮހުން ކުޑަގިރިއަށް، ކުޑަ ރިސޯޓެއް

Jul 17, 2022
2

ސްޓެލްކޯގެ "ހެދޭގިރި" ލޯންޗް ކައިރި ކުރީ ދިވެހިން ދަތުރު ދާން ހިއްކާފައިވާ "ކުޑަގިރި" އަށެވެ. މިއީ މާލެ ކައިރީގައި އޮންނަ ބަންގާ ފަޅުން ބައެއް ހިއްކައިގެން އެމްޓީސީސީ އިން ހެދި ރަށެކެވެ. ދަގަނޑު ހޮޅި ބިމަށް ޖަހައިގެން ހަދާފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑުގެ "ޕްލެޓްފޯމް ޖެޓީ"ގައި ލޯންޗު ބަނދަރުކުރުމާ އެކު އެންމެ ފުރަތަމަ ރަށަށް ފޭބީ އަަހަރެންނެވެ. ދޮންވެލި ފިނޮޅެއްގެ ގޮތުގައި މިހާރު ފެންނަން އޮތަސް މި ރަށުގައި ފައި ޖެހުމާއެކު ހަނދާން އާވެގެން ދިޔައީ މީގެ ހަ އަހަރު ކުރި އެވެ. ދިވެހިން އޭރު ދަތުރު ގޮސް އުޅުނު ކުޑަބަނޑޮހުގެ މަޖާގަނޑެވެ. ކުޑަ ބަނޑޮހުގައި އޭރު އާއިލާ އާއި ރަހުމަތްތެރިން ނެގި މަޖާގެ ހަނދާން ތަކެވެ. އޭގެ ހަ އަހަރު ފަހުން އަނެއްކާ ވެސް އެފަދަ ރަށެއް "ކޮންކްރީޓް ޖަންގަލީގެ" އަހުލުވެރި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެން މިވަނީ ގާތްވެފަ އެވެ.

"މި ރަށަކީ ކުޑަ ބަނޑޮހަށްވުރެ ދެ ގުނަ ބޮޑު ރަށެއް. އެހެންވެ ކުރަން ޖެހޭ މަސައްކަތް ވެސް ވަރަށް ގިނަ. މި ރަށް ފެހި ކުރަން ގަސް އިންދުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މިދަނީ ކުރަމުން. ކުރިއަށް އޮތް ތަނުގައި ރަށް ފެހިކޮށް ފެނިގެން ދާނެ،" އެމްޓީސީސީ އިން ހިންގާ 41.4 މިލިއަން ރުފިޔާގެ މި މަޝްރޫއާ ބެހޭ ގޮތުން މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އަވަސް އަށް ވިދާޅުވި އެވެ.

މާލޭން ފުރައިގެން ލޯންޗުގައި 15 މިނެޓުން، ފެރީ ދޯންޏެއްގައި 50 މިނެޓުން ދެވޭ ކުޑަގިރި އޮންނަނީ ތިލަފުށި ކައިރީގަ އެވެ. ތިލަފުށި ކައިރީގައި އޮންނަ މުށި މަސް ބާނަން މަޝްހޫރު "ބަންގާ" ފަޅުގަ އެވެ. މޫދަށް އެރިލަން ރީތި މޫދެއް މި ރަށް ވަށައިގެން އޮތްއިރު ރަށަށް ރީތިކަން ގެނެސްދެނީ ވަށައިގެން އޮތް ރީތި ނޫވިލެވެ. އެފަދަ ވިލެއް އޮތުމަކީ މި ރަަށުގައި މޫދު ކުޅިވަރުގެ ފޯރި ގަދަވާނެ ކަމެކެވެ. ޕިކްނިކް އައިލެންޑް މަޝްރޫއު ޕްލޭނިން މިނިސްޓްރީން ޕެލޭންކުރީ ކުޑަގިރި ފަޅުގައި ދެ ރަށެއް ހިއްކާ ގޮތަަށެވެ. އެ ރަށުގައި ފުރިހަމަ ވަސީލަތް ގާއިމުކުރާއިރު އަނެއް ރަށް ބާއްވަން ޕްލޭންގައި އޮތީ ޕިކްނިކް އައިލެންޑެއްގެ ގޮތުގަ އެވެ.

ރިސޯޓެއްގެ ސިފަ، ވަރަށް މަސައްކަތް

ކުޑަގިރި އަށް އެރިއިރު ރަށް މިވަގުތު އޮތީ "ކޮންސްޓްރަކްޝަން ސައިޓެއް ގެ ގޮތުގަ އެވެ. މިނިވަން ދުވަހު މި ރަށް ހުޅުވަން އަމާޒު ހިފާފައިވާއިރު މި ރަށުގެ މަސައްކަތުގައި އިސް ކޮންޓްރެކްޓަރު އެމްޓީސީސީގެ މުވައްޒަފުންނާއި އެޗްޑީސީގެ މުވައްޒަފުން އަދި ފެނަކައިގެ އިތުރުން ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރަށް ފަރުމާކޮށްފައިވަނީ ރިސޯޓެއްގެ "އިހުސާސް" ދަތުރުދާ މީހުންނަށް ލިބޭނެ ގޮތަކަށެވެ. މި ވަގުތު އޯވަނައިޓް ކުރަން ކޮޓަރި ނެތް ނަމަވެސް ގްރޫޕް ހަދައިގެން އާއިލާތައް ޗުއްޓީ ހޭދަކޮށްލެވޭނެ ފުރިހަމަ ވަސީލަތް ދަނީ ފައްކާ ވަމުންނެވެ. ރިސޯޓެއްގެ ކޮންސެޕްޓަށް ހިޔާކޮށްގެން ޖެޓީއެއް ދަނީ ހަދަމުންނެވެ. ރަށް ފަރުމާކޮށްފައިވަނީ ޖެޓީން ފައިބައިގެން ރިސެޕްޝަނަށް ގޮސް "ޗެކިން"ވާ ގޮތަށެވެ.

ރިސޯޓުތަކުގައި ހުންނަ ގޮތަށް ރަށުގެ މަސައްކަތް ބަލަހައްޓާނެ އޮފީހަކާއި މުވައްޒަފުން ނިދާނެ ތަނެއްގެ އިތުރުން ރިސެޕްޝަނެއް ހަދާފައިވެ އެވެ. ލަކުނޑީގެ ފަރުމާ އިން ޒީނަތްތެރިކޮށްފައިވާ މި ރިސެޕްޝަން ވެސް ހަދާފައިވަނީ ރާއްޖޭގެ "ލޯ ކޮސްޓް" ރިސޯޓެއްގެ އިހުސާސް ވާނެ ގޮތް ބަލައިގެންނެވެ. މީގެ އިތުރުން ރަށުގައި ބޮޑު ދެ ހަޓު ހުރެ އެވެ. އެއް ހަޓަކީ "މަލްޓި ޕާޓީ" ހަޓެވެ. މި ތަނުގައި ހަތަރު ގްރޫޕަކަށް އެއް ފަހަރާ ތިބެވޭނެ އެވެ. މީގެ އިތުރުން އަނެއް ހަޓަކީ "ޑަބަލް ޕާޓީ ހަޓް" ގެ ނަން ދީފައިވާ ތަނެކެވެ. މިތަން ވެސް ފަރުމާކޮށްފައިވަނީ މީހުން ގޮސް މަޑުކޮށްލައިގެން ތިބެވޭނެ ގޮތަކަށެވެ.

ދަތުރުދާ މީހުންނަށް ފުރިހަމަ ވަސީލަތް

ޕިކްނިކް އައިލެންޑުގައި ބޮޑު ރެސްޓޯރެންޓެއް "ޖޫސް ބާ" އަކާ އެކު ހުރެ އެވެ. މިތަނުގެ މަސައްކަތް ކުރަމުން ގެންދަނީ ސްޓެލްކޯ އިންނެވެ. މި ރަށުގެ އެންމެ މުހިންމު މަސައްކަތް ކުރާ އެއް ކުންފުންޏަކީ ވެސް އެ ކުންފުންޏެވެ. ސްޓެލްކޯ އިން ވަނީ އެ ކުންފުންޏާ ހަވާލުކުރި ޑިސްރިބިއުޝަން ނެޓްވޯކިންގެ މަސައްކަތް އެއްކޮށް ނިންމާ ރަށް ދިއްލާލާފަ އެވެ.

މީގެ އިތުރުން އެ ކުންފުންޏަށް ވަރަށް ފަހުން ރެސްޓޯރެންޓުގެ މަސައްކަތް ހަވާލުކުރުމާއެކު 80 އަށް ވުރެ ގިނަ މުވައްޒަފުން ދަނީ 24 ގަޑިއިރު މިތަނުގައި މަސައްކަތް ކުރަމުންނެވެ. މި ރެސްޓޯރެންޓް ފަރުމާކޮށްފައިވަނީ ބީޗްގައި ތިބެގެންވެސް ކެއުމަށް އިންސާފުކޮށްލެވޭ ގޮތަކަށެވެ. އެހެންވެ މިތަނުގައި ވެޑިން ޕާޓީތަކާއި "ކެންޑްލް ނައިޓް ޑިނާ" ތައް ވެސް ބާއްވާ ތަން ފެންނާނެ އެވެ.

"އަޅުގަނޑުމެންނާ [ރެސްޓޯރެންޓް] ހަވާލުކުރީ ވަރަށް ފަހުން. އެކަމަކު މި ބަލަނީ ޓައިމަށް ނިންމާލެވޭނެ ކަމަށް. އެކަމަށް 24 ގަޑިއިރު ހުއްޓުމެއްނެތި މުވައްޒަފުން މަސައްކަތް ކުރާނެ. މިތަން ވެސް ނިމޭއިރު ފުރިހަމަ ތަނެއްގެ ގޮތުގައި ފެނިގެން ދާނެ،" ކުޑަގިރި މެއިން ރެސްޓޯރެންޓުގެ މަސައްކަތް ކުރާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މި ރަށަށް "ކުޑަކުޑަ ރިސޯޓެއް"ގެ ސިފަ އަންނަމުންދާއިރު މި ރަށުގައި 200 މީހުންނަށް އެއް ފަހަރާ ނަމާކުރެވޭނެ ސައިޒުގެ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި މިސްކިތަކީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އިސްނެންގެވުމެއްގެ މަތިން އެ ޖަމިއްޔާގެ ބޯޑު މެންބަރުން ގެ ދީލަތި އެހީގައި ހަދައިދޭ ތަނެކެވެ. އެތަނުގެ މަސައްކަތްވެސް ނިމުމަކާ ވަނީ ގާތްވެފަ އެވެ.

ދިވެހިންގެ ޗުއްޓީގެ މަންޒިލަކަށް ހެދިދާނެ

ކުޑަގިރި ވަށައިގެން ހިނގާލުމުން ފެންނީ މި ރަަށުގައި އަދި ކުރަންޖެހޭ މަސައްކަތް ގިނަ ކަމެވެ. މި ރަށް ބަލަހައްޓަން ހުރި ގޮންޖެހުންތައް މަދެއް ނޫނެވެ. މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގައި ނިންމަން ބުނި މަސައްކަތް ވެރިކަމުގެ ފަހު އަހަރުގެ ތެރޭގައި ނިމެންދާއިރު މި މަސައްކަތް ނިންމަން ވާނީ ފުރިހަމަ ކޮށެވެ. ކަމެއް ކޮށްދިން ކަމަށްވާނީ އޭރުންނެވެ. ރަށް ފެހިކުރުމަކީ އެންމެ މުހިންމު މަސައްކަތެވެ.

މި ރަށް މިހާރު ވެސް އޮތީ ފަޅު ހިއްކައިގެން ރާއްޖޭގައި ހަދާފައިވާ ލަގްޒަރީ ރިސޯޓުތަކާ އެއް ގޮތަކަށެވެ. ކުޑަގިރި ވެސް މިހާރުގެ ލަގްޒަރީ ރިސޯޓުތައް ގޮތަށް ފެހިކޮށް ފެންނަން އެންމެ މަދުވެގެން ދެ އަހަރު ދުވަސް ނަގާނެ އެވެ. މި ޕިކްނިން އައިލެންޑް އޮތް ސަރަހައްދަކީ ތިލަފުއްޓާ ކައިރި ސަރަހައްދަކަށްވުމަކީ "މެހީ" ގެ އުދަނގޫ ބައެއް ދުވަސްތަކަށް ބޮޑުވާނެ ކަމެކެވެ. މިއީ ގޮންޖެހުމަކަށް ވާނެ ކަމެކެވެ. އެކަމަކު މި މަސައްކަތް ފުރިހަމަ ވެގެންދާއިރު ޕިކްނިކް އައިލެންޑަކީ ހަގީގީ "ކުޑަ ކުޑަ ރިސޯޓެއްގައި" ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް ފުރިހަމަކޮށްލެވިއްޖެނަމަ ވަރަށް ފުރިހަމަވާނެ އެވެ. އޭރުން މި ރަށުގައި "ބީޗް ކޮޓަރި" އާއި "މޫދު ކޮޓަރި" ވެސް ހުންނާނެ އެވެ. މިއީ ވެސް ނުކުރެވޭނެ ކަމެއް ނޫނެވެ. ޓޫރިޒަމް ވިޔަފާރިކުރަން ބައިގަރުނަށް ދިވެހި ރައްޔިތުންގެ ރަށްތައް ދީފައިވާއިރު "މަހުޖަނުން" ކައިރީ ބުންޏަސް ހެޔޮހިތުން އެ ވަރުކަމެއް ކޮށްދޭނެ އެވެ.