ޕިކްނިކް އައިލެންޑް

ކުޑަގިރި ފަޅުގައި ހަދާފައިވާ ޕިކްނިކް އައިލެންޑްގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

Jun 16, 2022

ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑްގެ މަސައްކަތް ހިނގަމުންދާ ގޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްލަވާލައްވައިފި އެވެ.

ކުޑަގިރިފަޅު ހިއްކާ އެތަނުގައި ޕިކްނިކް އައިލެންޑެއް ހެދިފަހުން މިއީ ރައީސް ސޯލިހް އެރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހާ އެކު ނައިބް ރައީސް ފައިސަލް ނަސީމާއި ބައެއް ވަޒީރުންނާއި ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގައި މަސައްކަތުގައި ބައިވެރިވެފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ އިސްވެރިން ވެސް މިއަދު އެރަށަށް ވަޑައިގެންނެވި އެވެ.

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޕިކްނިކް އައިލެންޑްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވައި މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި މިހާރު ހިނގަމުންދާ މަސައްކަތްތަކާއި އިތުރަށް ކުރަން ހުރި ކަންކަން އޮޅުންފިލުއްވާފަ އެވެ.

ޕިކްނިކް އައިލެންޑް ފެހިކުރުމަށް އެރަށުގައި މިއަދު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމުގައިވެސް ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި އެވެ.

ޕިކްނިކް އައިލެންޑަށް ކަރަންޓް ދިނުމަށް ސްޓެލްކޯ އިން އެރަށުގައި ކަރަންޓް ކޭބަލް އަޅާފައިވާއިރު އެރަށުގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ފެނަކަ އަށެވެ. އަދި އެރަށުގައި މިހާރު މިސްކިތެއް ބިނާކުރަމުންދާއިރު ދަތުރު ގޮސް އާންމު ތިބުމަށް އެކޮމަޑޭޝަން އިމާރާތްތަކަކާއި ފާހާނާ ފަދަ އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމުވެސް މިހާރު ދަނީ ހަމަޖައްސަމުންނެވެ.

ކުޑަގިރި ފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ކުޑަގިރި ފަޅުގައި ހަދާފައިވާ ޕިކްނިކް އައިލެންޑްގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު ކ. އެނބޫދޫފަޅުން ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގައިވެސް ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެނބޫދޫ ފިނޮޅުގައި ކްރޮސްރޯޑްސް ތަރައްގީކުރަމުން ގެންދާ ތައިލެންޑުގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސް ބުނެފައިވަނީ މިއަހަރުގެ ފަހު ތިން މަހުގެ ތެރޭގައި އެ ރަށް ހުޅުވާނެ ކަމަށެވެ.

އެނބޫދޫފިނޮޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގައި ހަދާ ޕިކްނިކް އައިލެންޑް މަޝްރޫއު މިސަރުކާރުން އިއުލާން ކުރީ ސެޕްޓެމްބަރު 2019 ގައެވެ. އެރަށުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް އަމިއްލަ ހަތް ކުންފުންޏަކުން، އެ ކުންފުނި ތަކުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ހިލޭ ކޮށްދޭ ގޮތަށްވެސް އޭރު ސަރުކާރާ އެކު އެއްބަސްވެފައިވެ އެވެ.

އެސް ހޮޓެލްސް އިން ހަދަމުންދާ ރަށަށާއި، ސަރުކާރުން ކުޑަގިރީގައި ހަދާފައިވާ ޕިކްނިކް އައިލެންޑަށް ދަތުރު ދެވޭނީ ހިލޭ ކަމެއް ނުވަތަ ފައިސާ ދައްކައިގެން ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

މާލެ ކައިރީގައި ކުރިން ދަތުރު ދިއުމަށް ހާއްސަކޮށްފައި އޮތް ކުޑަބަނޑޮހަށް އޭރު ދަތުރު ދެވެނީ ކޮންމެ މީހަކު 10 ރުފިޔާ ދައްކައިގެންނެވެ.