ޕިކްނިކް އައިލެންޑް

ކުޑަގިރި ފުރަތަމަ ފަހަރަށް ދިއްލާލައިފި

Jul 16, 2022
1

މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްގީކުރަމުންދާ ކ. ކުޑަގިރިއަށް ކަރަންޓްދީ އެ ރަށް ފުރަތަމަ ފަހަރަށް ދިއްލާލައިފި އެވެ.

ކުޑަގިރި ދިއްލާލުމުގެ ގޮތުން ސްޓެލްކޯ އިން ވަނީ އެ ކުންފުނިން އެ ރަށުގައި ހަރުކޮށްފައިވާ ގާޑަން ލައިޓްތައް ދިއްލާލާފަ އެވެ.

ކުޑަ ގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމުކުރުމަށްޓަކައި، 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް ސްޓެލްކޯ އިން މިހާރު ވަނީ ނިންމާފަ އެވެ.

ސްޓެލްކޯ އިން މިހާރު ގެންދަނީ ކުޑަގިރިއަށް ޒިޔާރަތްކުރާ މީހުންނަށް ކެފޭއެއްގެ ހިދުމަތް ދިނުމަށްޓަކައި އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކެފޭ އެޅުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު. އެ މަސައްކަތް މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ނިންމުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުން ދަނީ ރެޔާއި ދުވާލު މަސައްކަތް ކުރަމުންނެވެ.

ކުޑަގިރީގައި ހަދަމުންދާ މިސްކިތުގެ މަސައްކަތާއި ޖެޓީގެ މަސައްކަތް އެމްޓީސީސީން ނިންމުމުގެ މަސައްކަތް ކުރަމުންދާއިރު އެރަށުގެ އިންޖީނުގޭގެ މަސައްކަތް ފެނަކައިން ދަނީ ކުރަމުންނެވެ. އަދި އެރަށުގައި އާންމުން ތިބުމަށް އެކޮމަޑޭޝަން އިމާރާތްތަކަކާއި ފާހާނާ ފަދަ އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމުވެސް މިހާރު ދަނީ ހަމަޖައްސަމުންނެވެ.

ކުޑަގިރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.

ކުޑަގިރި ފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.