ސްޓެލްކޯ

ކުޑަގިރީގައި ކަރަންޓް ނެޓްވޯކް އެޅުމުގެ މަސައްކަތް ފަށައިފި

May 26, 2022

ކުޑަގިރިއަށް ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި އެރަށުގައި 3،000 މީޓަރުގެ ކޭބަލް ވަޅުލުމަށް ހަމަޖެހިފައިވެ އެވެ. އަދި ކުޑަގިރީގައި މަގުބައްތި ޖެހުމާއި، ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޅާނީ ވެސް ސްޓެލްކޯ އިންނެވެ.

ސްޓެލްކޯ އިން ބުނީ އެކުންފުނިން މަސައްކަތް ކުރަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުޑަގިރިއަށް ކަރަންޓުގެ ހިދުމަތް ދޭން ކަމަށްވާތީ އެކަމުގެ ދިރާސާއެއް ވެސް ކުރަމުންދާ ކަމަށެވެ.

ސްޓެލްކޯގެ އަމާޒަކީ މިއަދު ފެށި މަސައްކަތް 15 ދުވަސް ތެރޭ ނިންމާލުމެވެ.

ސްޓެލްކޯގެ މަސައްކަތްތައް މިއަދު ކުޑަގިރީގައި ފެށިއިރު ނައިބް ރައީސް ފައިސަލް ނަސީމު ވެސް އެ ރަށަށް ވަޑައިގެން އެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ކުޑަގިރީގައި އެޗްޑީސީން އެޅުމަށް ހަމަޖެހިފައިވާ ބައެއް އިމާރާތްތަކުގެ ބިންގާ ވެސް މިއަދު ވަނީ އަޅާފަ އެވެ. މީގެއިތުރުން ކުޑަގިރީގައި މިސްކިތެއް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ފަޅަކުން އަށް ހެކްޓަރުގެ ބިން ހިއްކާ އެތަން ރަށަކަށް ހެދީ އެމްޓީސީސީންނެވެ. އެ ކުންފުނިން ވަނީ އެ ރަށުގައި 397 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓަކާއި 428 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކައްޓެއް ޖެހުމުގެ މަސައްކަތް ކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.