ހުންނަންވާ މިންވަރަށް ވުރެ އިތުރަށް "ޕެސްޓިސައިޑް" ހުރި އިންޑިއާގެ "ޔޫރޯ ފުރުޓްސް" ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭ އިން އާންމުންގެ ސަމާލުކަމަށްޓަކައި މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާގިނަ އަދަދަކަށް ޕެސްޓިސައިޑް ހުރި ތޮމްސަން ސީޑްލެސް ގްރޭޕްސް ރައްޖެ އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
ރާއްޖެއަށް މި އުފެއްދުން އެކްސްޕޯޓްކޮށްފައިވަނީ އންޑިއާގެ "ޔޯރޯ ފުރުޓްސް ޕްރައިވެޓް ލިމިޓެޑް" އިން ނެވެ. މި އުފެއްދުން ހޯލް ސޭލްކޮށްފައިވަނީ ނެދަލެންޑްސްގެ "ގްލޯބަލް ގްރީން ޓީމު"ގެ ފަރާތުންނެވެ.
އެމްއެފްޑީއޭ އިން ބުނީ އާރްއޭއެސްއެފްއެފްގެ އެލާޓާ ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ގޮންޖެހުމުގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ތޮމްސަން ސީޑްލެސް ގްރޭޕްސްގެ ލޮޓް ނަންބަރު (L-21.099 0001 05, GGN: 4049929236608, 4056186631107)ގެ ތަކެތި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.