ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓް ގަންނަން ހުޅުވާލައިފި

Jul 18, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތައް ގަންނަން ބޭނުންވާ މީހުންނަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިނަރެސް ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް މިއަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

އެޗްޑީސީގެ ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ވެސް އެޗްޑީސީން ވަނީ ހަމަޖައްސާފަ އެވެ. ޕޯޓަލް އަށް ލޮގިން ކުރެވޭނީ އީ-ފާސް މެދުވެރިކޮށެވެ.

މެދުފަންތީގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވިނަރެސް މަޝްރޫއުގެ ދަށުން ހަދާފައިވާ ފްލެޓްތަކުގެ ބޮޑު ބައި ހާއްސަކޮށްފައިވަނީ މާލޭގެ ރަޖިސްޓްރީގައިވާ މާލެ މީހުންނަށެވެ. ނަމަވެސް ވިނަރެސް މަޝްރޫއުގައި ހިމެނޭ 100 ފްލެޓް ވަނީ މާލޭގައި ރަޖިސްޓްރީވެފައި ނުވާ އެކަމަކު މާލޭގައި ދިރިއުޅެމުންގެންދާތާ 15 ވެފައިވާ މީހުންނަށާއި، މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރު ވެފައި ނުވާ އެކަމަކު މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވާ މީހުންނަށް ހާއްސަކޮށްފަ އެވެ.

ވިނަރެސް ފްލެޓްތަކަށް ކުރިމަތިލެވޭނެ އާންމު ޝަރުތުތަކަކީ މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށްވުމާއި، މާލޭ ސިޓީން 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ނުވަތަ ބިމެއް ގަނެ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައި ނުވުމެވެ. އަދި މިދިޔަ ތިން އަހަރުގެ ތެރޭގައި މާލޭ ސިޓީގައި ދިރިއުޅުމަށް ހޯދާފައިވާ 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު އެއްވެސް ތަނެއް ވިއްކާފައި ނުވުމާއި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށްވެސް ވެގެން ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެ އެވެ.

މި މަޝްރޫއު ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން ޒޯން، އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ. މި ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފްލޯ ކޮމާޝަލް ސްޕޭސްތަކަށް ހާއްސަ ކުރެވޭނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ. ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް އަދި ޖިމް ހިންގާނެ ޖާގަ އަދި އިތުރު ހަރަކާތްތައް ހިންގާނެ ހުސް ޖާގަ ލިބިގެންދާނެ އެވެ.