ދިރާގު

ޓޫރިޒަމަށް 50 އަހަރު: ދިރާގަށް އެވޯޑެއް

Jul 18, 2022

ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރު ތެރޭގައި ދިރާގުން ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އެވޯޑެއް ދީފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިންތިޒާމުކޮށްގެން ޓޫރިޒަމަށް 50 އަހަރު ފުރުމާ ދިމާކޮށް ބޭއްވި އެވޯޑު ދިނުމުގެ އިވެންޓުގައި ދިރާގަށް ލިބިފައިވަނީ ޓޫރިޒަމް ތަރައްގީވީ ދުވަހުން ފެށިގެން މިއަދާ ހަމައަަށް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ތަރައްގީކުރަން ކޮށްދިން މަސައްކަތުގެ އަގުވަޒަން ކުރަން ދިން އެވޯޑެވެ.

މި އެވޯޑާ ދިރާގުގެ ފަރާތުން ހަވާލުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވި މި އިވެންޓުގައި ލިބުނު އެވޯޑާ ބެހޭ ގޮތުން ދިރާގުގެ ސީއީއޯ އިސްމާއިލް ވިދާޅުވީ މި އެވޯޑް ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އެކަމަށްޓަކައި އިސްމާއިލް ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އަށް ޝުކުރު އަދާކުރައްވާފަ އެވެ.

ދިރާގަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްގީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް ދުނިޔެއަށް ދެއްކުމަށްޓަކައި އިންޑަސްޓްރީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. އަދި ރާއްޖޭގެ ޓެލެކޮމް ސެކްޓާ ތަރައްގީކޮށް 5 ޖީ ފަދަ ޒަމާނީ ހިދުމަތްތައް ރާއްޖެ އަށް ގެނެސްދިނުމުގައި އެ ކުންފުނިން މުހިންމު ރޯލެއް ކުޅެފައިވެ އެވެ.