ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

Jul 18, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ބިލް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އޮތް މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގަ އެވެ.

މި ގާނޫނަކީ ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރާއިރު، އެ އުފެއްދުންތަކާ އެކަށީގެންވާ ޢުމުރުފުރާތަކަށް ކަނޑައެޅޭ ގިންތިތަކަށް ފެތޭގޮތަށް އާންމުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މިގާނޫނުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތަކަކީ އެ އުފެއްދުމެއް އާންމުކުރާއިރު އެ އުފެއްދުމަކާ އެކަށީގެންވާ ޢުމުރުފުރާއަކަށް ކަނޑައެޅޭ ގިންތިއަކަށް ފެތޭގޮތަށް އާންމުކުރާ އުފެއްދުންތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް އެކަށައެޅުމެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކޮށް، މި ގާނޫނު ތަންފީޒުކުރާނީ ކަމާ ގުޅޭ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނު ންކަމުގައި ކަނޑައަޅާފައިވެ އެވެ.

މި ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި ހަދައި ގެޒެޓް ކުރަންޖެހެ އެވެ. ގާނޫނަށް މިއަދު ވަނީ އަމަލުކުރަން ފަށާފަ އެވެ.

ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ދަށުން ޖަދުވަލު އެކެއްގައި ހިމެނޭ "ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދު" އާއި "ރީބްރޯޑްކާސްޓްކުރާ ޗެނަލް ކްލެސިފައިކުރުމުގެ ގަވާއިދު" އާއި "ދިވެހިރާއްޖޭގައި ޝާއިއު ކުރާ އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދު" އުވިގެންދާނެ އެވެ.