ގާނޫނުއަސާސީން ދީފައިވާ ހައްގުތައް ހިފެހެއްޓެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތުހުމަތު ކުރައްވައިފި އެވެ.
ދަނޑިކޮށި ޖަގަހައިގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވަން ފެއްޓެވި ކަމަކީ ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލުމުގެ މަސައްކަތް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މި ސަރުކާރު ވެރިކަމަށް ފުރަތަމަ އައުމާއެކީގައި ކުރަން ފެއްޓި ކަމަކީ މި ޑިމޮކްރެޓިކް ނިޒާމު ފައްކާވެފައި މި އޮތް ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލައި ހުދުމުހުތާރު ވެރިކަމަކަށް ބަދަލުކުރުމުގެ މަސައްކަތް. ދޮގު ހަދައި އޮޅުވާލުމުގެ އިތުރަށް މި ދެންނެވިހެން ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ދީފައިވާ ހައްގުތައް ހިފެހެއްޓުމުގެ މަސައްކަތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެގޮތުން އެންމެ ފުރަތަމަވެސް މަސައްކަތަކީ ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމަށް މަސައްކަތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ބައެއް ސައިޓްތައް ބްލޮކްކުރިއިރު ސައިޓްތައް ދޫކޮށްލީ ޕްރެޝަރުގެ ސަބަބުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުން މުހިންމުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެނަމަ އަނެއްކާވެސް ވެބްސައިޓްތައް ބަންދުކުރާނެ ކަމަށެވެ.
މި ސަރުކާރުން މަޖިލީހުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރެއްވި ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އެތަނުގެ އަގު ވައްޓާލައި ގާނޫނުއަސާސީން ލިބިދީފަައިވާ ބާރުތައް ނިގުޅައިގަތުމަށްޓަކައި މަސައްކަތްކުރެއްވީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި މެންބަރުންތަކެއް ޕީއެންސީއާ ގުޅިވަޑައިގެންފައިވާތީ އެކަމާ ގުޅޭ ގޮތުންވެސް ރައީސް ސޯލިހު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
"އެތައް ބުރަ މަސައްކަތަކުން އަޅުގަނޑުމެން އެމްޑީޕީން ހޮވާފައި ތިބި މެންބަރުންތަކެއް އެ ކުރި ކަމެއް ކޮށްގެން ގެންދިޔައީ. 12 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންގޮއްސި. ފެންފޮދެއް ބޯލާހެން، ފެންފޮދެއް ބޯލާހެން އެކަންކޮށް ނިންމާލައިފި. ދިރުވާލައިފި. ހުދު ފޮތިކޮޅެއްހެން އެބަ ހުންނެވި،" ރައީސް ސޯލިހު ވިދާޅުވި އެވެ.