ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖެހިލުންނުވެ ސަރުކާރު ޖަވާބުދާރީކުރުވާނަން: ސޯލިހް

މި ސަރުކާރު ޖަވާބުދާރީކުރަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދާ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އެ ޕާޓީން ކުރާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ސާފު އަގުލަބިއްޔަތު ހޯދާނެ ކަމަށެވެ.

"މި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ހުއްޓުމެއް ނެތި ޖެހިލުމެއް ނެތި އަޅުގަނޑުމެންގެ މެންބަރުން ކުރާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ ސަރުކާރުން ކަންކަން ފޮރުވަން އުޅޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ ރައީސް ސޯލިހް ވަނީ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހުއްޓުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.