އެޓާނީ ޖެނެރަލް

ކްލެމެންސީ ބޯޑުން 161 މައްސަލަ ނިންމައިފި

Jul 19, 2022
1

ކްލެމެންސީ ބޯޑުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 161 މައްސަލަ ނިންމައިފި އެވެ.

އެޓާނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ހިންގާ ކްލެމެންސީ ބޯޑަކީ މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ.

ކްލެމެންސީ ބޯޑުގައި 11 މެންބަރުން ތިއްބަވާއިރު ބޯޑުގެ ރިޔާސަތު ބަލަހައްޓަވަނީ އެޓާނީ ޖެނަރަލް އިބްރާހީމް ރިފްއަތު އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު ވަނީ މިދިޔަ ހަމަސް ދުވަހު ކްލެމެންސީ ބޯޑުގައި ކުރެވުނު މަސައްކަތްތަކުގެ ތަފާސްހިސާބު އާންމުކޮށްފަ އެވެ.

އެ މައުލޫމާތުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކްލެމެންސީ ބޯޑުން 161 މައްސަލަ ނިންމާފައިވާއރު އެ މުއްދަތުގައި އެ ބޯޑަށް 257 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ކްލެމެންސީ ބޯޑަށް އެކި މައްސަލަތަކުގައި ހުށަހެޅި 23 ފޯމެއް އެކި ސަބަބުތަކާ ގުޅިގެން ކެންސަލްކޮށްފައިވެ އެވެ. އަދި މިމުއްދަތުގައި ނުނިމިވަނީ 73 މައްސަލައެވެ.

ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިން މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުމުން ރައީސް އެކަމުގައި ގޮތެއް ނިންމަވަނީ އެ މައްސަލައެއް ކްލެމެންސީ ބޯޑުން ނިންމާ ލަފާ ދެއްވާ ގޮތަކަށެވެ.

ކްލެމެންސީ ބޯޑުން މިދިޔަ އަހަރު 609 މައްސަލަ ނިންމާފައިވެ އެވެ. އެ ބޯޑުގެ ތާރީހުގައިވެސް އެންމެ ގިނަ މައްސަލަ ނިންމި އަހަރެވެ.