މޮރިޝަސް އިން ހުށަހަޅާފައިވާ ކަނޑުބައިކުރުން ދިވެހިރާއްޖެއަށް ކާމިޔާބުވެއްޖެނަމަ އިތުރު ސަރަހައްދެއް ރާއްޖެއަށް ލިބޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ރާއްޖެއާއި މޮރިޝަސްގެ ބައުންޑަރީ ޑީލިމިޓްކޮށްދިނުމަށް އެދި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފުން ފެށިގެން ކަމަށެވެ.
އޭޖީ އޮފީހުން ބުނީ ބައިނަލްއަގްވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތްކޮށް އެއީ ބޭސް ޕޮއިންޓެއް ކަމަށް ނުބަލައި އެ ސަރަހައްދު ބައިކުރުމަށް ރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެނަމަ ރާއްޖެއަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަޙައްދެއް ލިބިގެންދާނެތީ، ސަރަޙައްދު ބައިކުރަން މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިއުތިރާޒުކުރާ ކަމަށެވެ.
ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އެހެންނަމަވެސް ހައްލުކުރެވިފައި ނުވާ މައްސަލައެއް ކަން އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ. އޮގަސްޓް 23، 2019 ގައި މޮރިޝަސްގެ ފަރާތުން ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ [މުއާހަދާ]ގެ ދަށުން ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލައިގައި މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް އިޖުރާއީ ގޮތުން ރާއްޖެއިން ފާހަގަކުރި އެވެ. ނަމަވެސް ޖަނަވަރީ 28، 2021 ގައި ޓްރައިބިއުނަލުން ނިންމީ މައްސަލަ ބެލުމަށެވެ.
ޓްރައިބިއުނަލްގެ ނިންމުމާ ގުޅިގެން ދެން ކުރިއަށް ދިޔައީ ދެ ގައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުހަލާ އެވެ. މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.
މި މައްސަލަ އަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިއްމު މައްސަލައަކަށްވުމުން ރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަނުކުރެވުނު ކަމަށްވެސް އޭޖީ އޮފީހުން ބުނެ އެވެ. އޭޖީ އޮފީހުން ބުނި ގޮތުގައި މައްސަލައިގައި ކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމައަށް ވާނީ ދިފާއުކޮށްފަ އެވެ.
ރާއްޖޭގެ ދިފާއު ބިނާކޮށްފައިވާ މައިގަނޑު ކަންކަން
ރާއްޖޭގެ ފަރާތުން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް، އެ ކޮމިޝަނުން އައުޓާ ކޮންޓިނެންޓަލް ޝެލްފްއާ މެދު ގޮތެއް ކަނޑައެޅުމަކީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ އައުޓާ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލްގެ ހާއްސަ ޗެމްބަރަށް ލިބިފައިނުވާ ކަމަށް ހުށަހެޅުމުގައިވެ އެވެ.
އޭޖީ އޮފީހުން ބުނީ ރާއްޖެއިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ އައުޓާ ކޮންޓިނެންޓަލް ޝެލްފާ ގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމާ ހާލަތުގައިވެސް، އައުޓާ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ "ނެޗުރަލް ޕްރޮލޮންގޭޝަން" އާ ގުޅޭ ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިނުވާތީ، މޮރިޝަސްއަށް އައުޓާ ކޮންޓިނެންޓަލް ޝެލްފް ހައްގުވެގެން ނުވާކަމަށް ބަޔާންކުރާ ކަމަށެވެ.
މައްސަލައިގެ ލިޔުމުން ޖަވާބުދާރީވުމުގެ މަރުހަލާ ނިމުމުން، އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ މި މައްސަލައިގެ އަޑުއެހުންތައް އޮކްޓޫބަރު 17، 2022 އިން ފެށިގެން މިއަދުގެ ނިޔަލަށް ޓްރައިބިއުނަލްގައި ކުރިއަށްދާނެ އެވެ. މައްސަލަ ބަލައި ޗެމްބަރުގެ ފަރާތުން އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލައިގައި ގޮތެއް ކަނޑައެޅުމެވެ.
އޭޖީ އޮފީހުން ފާހަގަކުރި ގޮތުގައި ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލަ އަކީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމަންޖެހޭ މުޅިން ތަފާތު މައްސަލަ އެކެވެ.
އައިސީޖޭގެ ނިންމުން ތަންފީޒުކޮށް ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ތާއީދުކޮށް ވޯޓު ލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.