ދިވެހި ދަރިންގެ ތައުލީމީ ފެންވަރު މަތިކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުގެނެސް ކުރަމުންދާ މަސައްކަތާއި އެކަމަށް ސަރުކާރުން ކުރަމުންދާ ހަރަދާ އެއްވަރުގެ ނަތީޖާއެއް ލިބެމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ތައުލީމާއި ހުނަރު ލިބިފައިވާ ދަރިންތަކެއް ބިނާކުރުމަކީ މިސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް މަސައްކަތް ކަމަށެވެ.
ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަން ޔަގީންކަން ވަނީ ހައި އެޗީވާސް ސްކޮލަޝިޕް ހާސިލް ކުރާ ދަރިވަރުންގެ އަދަދު އަހަރުން އަހަރަށް އިތުރުވާތީ ކަމަށެވެ. މަތީ ތައުލީމު ހޯދާ ދަރިވަރުން ތައުލީމު ހާސިލްކުރުމަށްފަހު ރާއްޖެ ތަރައްގީކުރުމަށް ނިކުތުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތައުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުސަތުތަކެއް ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕާ ގުޅޭގޮތުން މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ސްކޮލަޝިޕްތައް ހޯދާފައިވާ ދަރިވަރުން، މަތީ ތަޢުލީމުގެ ދާއިރާތަކުގައި ޙާޞިލްކުރަމުން ދަނީ ވަރަށް ފޮނި ކާމިޔާބީތަކެއް ކަމަށާއި އޭގެ ތެރެއިން ގިނަ ދަރިވަރުން ޞިއްޙީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރަމުން ގެންދާކަމީ، ޤައުމުގެ ކުރިމަގަށްޓަކައި އެކުދިން އެޅި ރަނގަޅު ފިޔަވަޅެއް ކަމުގައެވެ.
ސަރުކާރުން ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ތައުލީމީ ފުރުސަތުތަކާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުސަތު ރާއްޖޭގައި އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ޓިވެޓް ސެންޓަރަކާއި ޖޫނިއާ ކޮލެޖެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ދެ ރަށެއްގައި މިހާރު ކުރިއަށްދާ ކަމަށާއި އިތުރު ރަށްރަށުގައި މިފަދަ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ސެޓެލައިޓް ސްކޫލް ފަދަ އީޖާދީ ވިސްނުންތަކުގެ އަލީގައި، ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުވާނެ މަރުޙަލާއަކަށް ރާއްޖެ ގެނެވިފައިވާ ކަމަށާއި އެ އިންތިޒާމްގެ ދަށުން ދަރިވަރުންނަށް އުނގަންނައިދިނުމުގެ އިންތިޒާމުތައް މިސަރުކާރުން ހަމަޖައްސައިދީފި ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ ހަތް ރަށެއްގައި އަލަށް ސާނަވީ ތައުލީމު ދޭން ފަށާފައިވާ ކަމަށާއި، އިތުރު ތިން ރަށެއްގައި އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ވެސް ފަށާފައިވާ ކަމަށެވެ.
ދަރިވަރުންނަށް ލިބޭ އިލްމުގެ ބޭނުން ހިފައިގެން ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ވިސްނުމަށް އެދިވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ގައުމަށް ބަދަލު ގެނެވޭނީ ދަރިވަރުންގެ ސިކުނޑީގައި ހުރި ބަދަލުތައް އުފަންކޮށްގެން އެ ބަދަލުތައް ގެންނަން މަސައްކަތް ކުރުމުން ކަމަށެވެ.