ރަޝިއާ، ޔުކްރޭން ހަނގުރާމަ ޝަރުތަކާ ނުލައި ހުއްޓާލުމަކީ މޮސްކޯ އެދޭ ގޮތެއް ނޫނެވެ. ސީރިއާގައި ސުލްހަ ދެމެހެއްޓުމާ ބެހޭ ގޮތުން އީރާންގެ ވެރިރަށް ތެހެރާންގައި އޮތް ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޫޓިން ވިދާޅުވީ ސުލްހައަށްޓަކައި ޝަރުތެއް ގަބޫލުކުރުމަކީ ޔުކްރޭން ބޭނުންވާ ގޮތް ނޫން ކަމަށެވެ.
ރަޝިއާއިން ގޮތްތަކެއް ހުށަހެޅި ކަމަށް ވިދާޅުވެ ޕޫޓިން ވިދާޅުވީ އެއިން އެއްވެސް ކަމަކާ މަޝްވަރާ ކުރުމަކީ ޔުކްރޭންގެ ވެރިންގެ ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށެވެ.
ޔުކްރޭން ހަނގުރާމަ 24 ފެބްރުއަރީގައި ފެށި ފަހުން ދެ ގައުމު ސުލްހަ ކުރެވޭތޯ ގައުމުތަކުން ވެރިން ވަނީ މަސައްކަތް ކުރައްވާފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ކުރެއްވި މަސައްކަތްތަކެވެ.
ޕޫޓިން ވިދާޅުވި ގޮތުން ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން މެދުވެރިއެއްގެ ދައުރު އަދާކުރަން ހުށަހެޅި ހުށަހެޅުމާ މެދު ޔުކްރޭނުން އަދިވެސް އެއްޗެއް ނުބުނާ ކަމަށެވެ.
ޕޫޓިންގެ ވާހަކަތަކާ ގުޅިގެން ޔުކްރޭނުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ދެ ގައުމުގެ ސުލްހައަށްޓަކައި ޔުކްރޭންގެ ރައީސް ޒެލެންސްކީއާ ބައްދަލުކުރައްވާންނަންތޯ ސުވާލުކުރުމުން ޕޫޓިން ވިދާޅުވީ ދެ ލީޑަރުން ބައްދަލުކުރުމާ ބެހޭ ގޮތުން ހުށަހެޅި ޝަރުތުތަކަށް ޒެލެންސްކީ ޖަވާބެއް ނުދެއްވާ ކަމަށެވެ.
ޕޫޓިން ވިދާޅުވީ ރަޝިއާއިން ޔުކްރޭނަށް ހުށަހެޅި ޝަރުތުތައް ގަބޫލުކުރާ ހިސާބުން ހަނގުރާމަ ނިމުމަކަށް އަންނާނެ އެވެ. އަދި ދުނިޔެއަށް ކާބޯތަކެތި ފޯރުކޮށްދޭ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ކުރާ ހުރިހާ ކަމެއްގައި ރަޝިއާ ބައިވެރިވާނެ އެވެ.
ކަޅުކަނޑު ހުރަސްކޮށް ޔުކްރޭންގެ ގޮވާން ބޯޓުތަކަށް ދަތުރު ކުރެވޭނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާއިން ކުރާ ކަމެއްގެ ސަބަބުން ކާބޯތަކެއްޗަށް ހުރަސް ނޭޅޭނެ ކަމަށެވެ.