ދުނިޔެ

ރަޝިއާ ރޮކެޓެއްގައި އީރާން ސެޓެލައިޓެއް ޖައްވަށް

އީރާން ސެޓެލައިޓެއް ރަޝިއާ ރޮކެޓެއްގައި ޖައްވަށް ފޮނުވައިފި އެވެ. ކަޒަކިސްތާންގެ ބައިކަނޫރު ކޮސްމޮދުރޯމުން އުދުއްސާލި ސޮޔުޒު ރޮކެޓް ކާމިޔާބު ކަމާއެކު އޯބިޓަށް ވަދެފައިވާ ކަމަށް ރަޝިއާގެ ޖައްވީ އިދާރާއިން ބުނެ އެވެ.

އިރާންގެ ސެޓެލައިޓެއް ގޮވައިގެން ރަޝިއާގެ ރޮކެޓެއް ޖައްވަށް މިދިޔައީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި އީރާންގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މިދިޔަ ޖުލައިގައި ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ފަހުން ގިނަ ދުވަސްތެކެއް ނުވަނީހެވެ.

ޚަބަރުތައް ބުނާ ގޮތުން އީރާންގެ ސެޓެލައިޓް އޯބިޓަށް ވަދެ ވަނީ ހަމަޖެހިލާފަ އެވެ. ސެޓެލައިޓް ކާމިޔާބު ކަމާއެކު އޯބިޓުގައި އެނބުރެން ފެށުމުގެ ކުރިން ބިމަށް ފޮނުވާ ސިގްނަލް -- ސެޓެލައި އޮތް އޯބިޓާއި، ތަން އަދި އުސްމިން ފަދަ އަސާސީ މައުލޫމާތު ލިބިފައިވާ ކަމަށް އީރާނގެ ޖައްވީ އިދާރާއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އީރާން އާއި ރަޝިއާއާ އޮތް ގާތް ކަމަކީ ހުޅަނގަށް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި އެވެ. މި ދެ ގައުމު އަތާއި އަތް ގުޅާލައިގެން ކުރާ ކަމަކަށް ކޮންމެ ގޮތަކުން ނަމަވެސް ފާރަވެރިވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާން ބުނާ ގޮތުން "ޚައްޔާމް" ގެ ނަމުން ނަންދީފައިވާ ސެޓެލައިޓަކީ ހުޅަނގުން ތުރުމަތުކުރާ ކަހަލަ ބޭނުމަކު ފޮނުވި ސެޓެލައިޓެއް ނޫން ކަމަށެވެ.

އެމެރިކާ ދެކޭ ގޮތުގައި ރަޝިއާ އާއި އީރާން އެކުވެގެން ކުރާ ކަމަކީ އެމެރިކާ އާއި ބައިވެރިންނަށް ޖާސޫސްކުރުމެވެ. އަދި އީރާންގެ ސެޓެލައިޓް މެދުވެރިކޮށް ޔުކްރޭންގައި ހިނގާ ކަންތައްތައް ރަޝިއާއަށް ކިޔައި ދިނުމަކީ ސެޓެލައިޓްގެ ބޭނުމެކެވެ.

އެމެރިކާގެ މި ތުހުމަތަށް ރައްދު ދެމުން އިރާނުން ބުނީ ސެޓެލައިޓަކީ ސައިންޓިފިކް ސެޓެލައިޓެއް ކަމަށެވެ. އަދި ބުނީ ސެޓެލައިޓުގެ ބޭނުމަކީ ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމާއި ޖައްވުގައި ރޭޑިއޭޝަން ހުރި ބަރު ބެލުން އަދި ދަނޑުގޮވާން ކުރުމާ ބެހޭ ހޯދުންތަކަށް ޚާއްސަ ސެޓެލައިޓެއް ކަމަށެވެ.

ހުޅަނގުން ބުނާ ގޮތުން ޔުކްރޭން ހަނގުރާމައަށް ފަހު ރަޝިއާ އާއި އިރާން ފެންނަނީ ވަރަށް މުރާލިކޮށް އުޅޭ ތަނެވެ. ދެ ގައުމުގެ ދެމެދުގައި ވިޔަފާއި ފުޅާކުރުމާއި ދަތުރުފަތުރު މުއްސަނދި ކުރުން -- ފެބްރުއަރީ 24 ގައި ރަޝިއާ ސިފައިން ޔުކްރޭނަށް ދޭން ފެށި ހަމަލާތަކަށް ފަހު، އިތުރުކޮށްފައިވާ ކަމަށް ވެސް ހުޅަނގުން ބުނެ އެވެ.

ޕޫޓިން ޖުލައި މަހު އީރާނަށް ވަޑައިގެން ޚާމަނާއީއާ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާގައި، ދެ ގައުމު ގުޅިގެން ހުޅަނގާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް ޚާމަނާއީ ވިދާޅުވި އެވެ. ދެ ގައުމުގެ އެކުގައި ތަރައްގީއަށް މަސައްކަތް ކުރައްވާނެ ކަމަށް ޕޫޓިން ވެސް ވިދާޅުވި އެވެ.