މާލޭގެ ހުޅަނގު ފަރާތުގެ އާޓިފިޝަލް ބީޗުގައި ހަދާ ޕެވިލިއަންގެ މަސައްކަތް ނިމޭނީ ބީޗު ހުޅުވާތާ ހަމަސް ފަހުން ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
މީގެ ހަތަރު މަސް ކުރިން، މާފަންނު ސަރަހައްދުގައި ހަދާ އާޓިފިޝަލް ބީޗުގައި ޕެވިލިއަން އެއް ތައްޔާރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ހަވާލުކޮށްފައި ވަނީ އެމްޑަބްލިއުއެސްސީއާ އެވެ.
މި ޕްރޮޖެކްޓާއި ބެހޭ ގޮތުން "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ފަޒުލް ވިދާޅުވީ ހައުސިން މިނިސްޓްރީ އިން އެމްޑަބްލިއުއެސްސީއާ ހަވާލު ކުރި މަސައްކަތްތަކުގެ ތެރެއިން އެ ސަރަހައްދުގެ ޕައިޕްލައިން ރީލޮކޭޓް ކުރުމުގެ މަސައްކަތާއި ސުވަރޭޖް ލައިން އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ބާކީ ކުރަން ހުރި މަސައްކަތަކީ ޕެވިލިއަން އާ ޝަވާ އޭރިއާ މަސައްކަތް ކަމަށެވެ.
"ބީޗު ހުޅުވެންވާއިރަށް ޝަވާ އޭރިއާ ނިމޭނެ. ނަމަވެސް ޕެވިލިއަންގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ އާޓިފިޝަލް ބީޗު ހުޅުވާތާ އަދި ހައެއްކަ މަސް ފަހުން،" ފަޒުލް ވިދާޅުވި އެވެ.
އާޓިފިޝަލް ބީޗުގައި ހަދާ ޕެވިލިއަން އިން ލިބޭނެ ހިދުމަތްތަކަށް އަލިއަޅުވާލައި ފަޒުލް ވިދާޅުވީ އެތާންގެ ފަސްޓް ފްލޯގައި ކެފޭ އޭރިއާއެއް ހަދާނެ ކަމަށާއި އަދި ތިރީގައި ފަސް ފާހަނަ ހިމެނޭ ގޮތަށް އިންޑޯ ޝަވާ އޭރިއާއަކާއި އާމުން އިށީންނާނެ ޖާގަތަކެއްވެސް ގާއިމް ކުރާ ކަމަށެވެ. މީގެ ކާއެއްޗެހި ވިއްކާ ފިހާރައެއް ވެސް ހުޅުވާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ ހުޅަނގު ފަރާޓުގެ އާޓިފިޝަލް ބީޗުގެ މަސައްކަތް މިމަހު ނިމި ރައްޔިތުންނަށް ހުޅުވާލާނެ ކަމަށެވެ.