ރޯދަ މަހު އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ބިލް ދައްކާ ކަސްޓަމަރުންގެ ތެރެއިން ތިން ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ މި އަހަރަކީ އެ ކުންފުންޏަށް 30 އަހަރު ފުރޭ އަހަރު ކަމަށްވުމާއި އެ މުނާސަބަތާއި ރޯދަ މަހާ ގުޅުވައިގެން "އެކުވެރި ރޯދަ 30" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެމްޑަބްލިޔުއެސްސީ އެޕް މެދުވެރިކޮށް ބިލް ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަންގެ މަގުދަސަކީ ރޯދަމަހާއި ގުޅުވައިގެން އެމްޑަބްލިޔުއެސްސީ ގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއެކު ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިޔުއެސްސީގެ އެޕަށް އަހުލުވެރިކޮށް އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރުކުރުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި ބިލް ދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް އާންމުންނަށް ބާރުއެޅުމާއި ކައުންޓަރަށް އައުމުގެ ބަދަލުގައި އެޕުން ބިލް ދައްކައިގެން ވަގުތު ސަލާމަތްކުރުމާއި އެމްޑަބްލިޔުއެސްސީގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ފަސޭހަކޮށް ޒަމާނީކުރުމުގެ މަސައްކަތަށް ހަލުވި ކަމާއެކު ކުރިއެރުން ހޯދުން ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ފުރަތަމަ ދުވަހުން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕްރޮމޯޝަންގައި ބައިވެރިވުމުގެ ޝަރުތުތައް
- އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުން
- ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުން
- ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެން ބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރުން.
އެމްޑަބްލިޔުއެސްސީ އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތް އިއުލާނުކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުންކުރަންވާނެ ކަމަށެވެ.
އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ އެހެން މީހަކަށް ބަދަލު ކުރުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ.
ގުރުއަތުން ހޮވުނު ފަރާތްތައް ރަސްމީކޮށް އިއުލާނުކުރާނީ އެމްޑަބްލިޔުއެސްސީގެ ސޯޝަލް މީޑިއާ، ވެބްސައިޓް އަދި ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ކަމަށާއި ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީހު ކަސްޓަމަރުންނާ ފަހުން ހިއްސާކުރެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ.