ރޯދަ މަހު ގޭބިސީތަކުގެ ފެން ބިލުން މަދުވެގެން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ މި ރޯދަ މަހު ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓް ބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ މިއަހަރުގެ އެޕްރީލް މަހު އެ ކުންފުނިން ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލްތައް "އާންމު މަހަކަށްވުރެ ބޮޑު ނުވާނޭ ގޮތުގެ މަތިން" ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ "އާންމު މަހެއްގައި" ފެނާއި ކަރަންޓް ބިލުގެ މިންވަރު ކަމުގައި ބަލާނީ މިދިޔަ އަހަރުގެ ފެބްރުއަރީ، މާޗް އަދި އެޕްރީލް މަސް ނުހިމަނާ އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރެޖް މިންވަރު ކަމަށެވެ.
މި ގޮތުން ކަނޑައެޅޭ" އާންމު މަހުގެ" ބިލުގެ މިންވަރަށްވުރެ އެޕްރީލް މަހު ތައްޔާރު ކުރެޥޭ ބިލް ބޮޑުނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އެޕްރީލް މަހު ފޮނުވާ ބިލުން އުނިކޮށްދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ.
"މި ގޮތުން އުނިކޮށްދެވޭ މިންވަރަކީ އެޕްރީލް މަހު ފޮނުވާ ބިލުގެ 10 ޕަސެންޓަށްވުރެ ކުޑަ މިންވަރެއް ކަމުގައިވާނަމަ، 10 ޕަސެންޓާއި އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވޭނެ،" އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނެފައިވަނީ މި އަހަރުގެ އެޕްރީލް މަހު ފޮނުވާ ބިލް "އާންމު މަހުގެ" ބިލަށްވުރެ ކުޑަ ނަމަ ޑިސްކައުންޓްގެ ގޮތުގައި އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދެވޭނެ ކަމަށެވެ.
މީގެ އިތުރުން އެޕްރީލް މަހުގައި އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި ކުރިން ރަޖިސްޓްރީކޮށްފައި ވީނަމަވެސް މިހާތަނަށް ބިލު ކުރެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ މި އަހަރުގެ އެޕްރީލް މަހު ފޮނުވާ ބިލް ކަމުގައިވާނަމަ އެޕްރީލް މަހުގެ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދެވޭނެ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ކުރުމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ އެދިފަ އެވެ. ނުވަތަ mail@mwsc.com.mv އަށް މެއިލްކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.