މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ކްރޮސް ރޯޑްސްގައި ހުޅުވައިފި

Jul 21, 2022

އޮތެންޓިކް މޯލްޑިވްސްގެ ހަތަރުވަނަ ފިހާރަ ކްރޮސް ރޯޑްސް މޯލްޑިވްސްގައި ހުޅުވައިފި އެވެ.

ކްރޮސް ރޯޑްސް އަކީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވި ދެވަނަ ރިސޯޓެވެ. މި ފިހާރަ ހުޅުއްވައިދެއްވީ އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒީނާދެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ފުރަތަމަ ހުޅުވި ރިސޯޓަކީ ކުޑަ ވިލިނގިލި ރިސޯޓެވެ. މީގެއިތުރުން މާލޭގައި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވާފައި ހުރެ އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ ދަށުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން "އޮތެންޓިކް މޯލްޑިވްސް"ގެ ނަމުގައި ހިންގާ ފިހާރަތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފައްދާ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދީ ކޮލިޓީ ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގާ ފިހާރަތަކެކެވެ.

ސަރުކާރުން ދޫކުރާ އެސްޑީއެފްސީ ލޯނު ނަގައިގެން އުފައްދާ އުފެއްދުންތައް ވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކަށް މިހާރު ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހަރާތަކުގެ އުފެއްދުންތައް ވިއްކާ 180 އަށް ވުރެ ގިނަ ސަޕްލަޔަރުން މިހާރު ތިބި ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.