ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒް ކުންފުންޏަށް އެލައިޑް އިންޝުއަރެންސުން 22 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޔޮޓް ޓުއާޒް އިން އެލައިޑާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ 2014 ވަނަ އަހަރު ކުރި ވިއްސާރައިގައި ހއ. އަލިދޫ ރިސޯޓަށް ލިބުނު ގެއްލުމާ އެއްވަރުގެ ބަދަލެއް އެލައިޑުން ހަމަޖައްސައި ނުދިނުމުންނެވެ. އޭރު ރިސޯޓު ހިންގަމުން ދިޔައީ ޔޮޓް ޓުއާޒްގެ ފަރާތުންނެވެ.
ސިވިލް ކޯޓުން މިމައްސަލަ ނިންމީ އެލައިޑްގެ ފަރާތުން ކޮންމެ މަހަކު 3.7 މިލިއަން ޑޮލަރު ޔޮޓް ޓުއާޒްއަށް ދައްކަމުން ގޮސް ހަމަސް ތެރޭގައި ޖުމްލަ 22 މިލިއަން ޑޮލަރު ދެއްކުމަށެވެ.
ދެހާސްވިހިވަނަ އަހަރު ސިވިލް ކޯޓުން ނިންމި މިމައްސަލަ އެލައިޑްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ޔޮޓް ޓުއާޒްގެ ދައުވާގައި ބުނާ ގެއްލުމުގެ ބަދަލަކީ އެލައިޑްގެ އިންޝުއަރެންސް ޕޮލިސީގައި ހިމެނޭ ބާވަތުގެ ގެއްލުމެއް ކަމަށް ޔޮޓް ޓުއާޒްއަށް ސާބިތު ކޮށްދެވިިފައި ނުވާ ކަމަށް ކަނޑައަޅައި ދަށު ކޯޓުގެ ހުުކުމް ހައިކޯޓުން ބާތިލްކުރީ މިދިޔަ އޭޕްރީލް މަހު އެވެ.
ޔޮޓް ޓުއާޒް އިން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރި ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އިންޝުއަރެންސް ކުންފުނިތަކުން ގެއްލުމުގެ ބަދަލު ހޯދުމުގައި ހުރި ދަތިތަކުގެ ސަބަބުން ޖާބިރު މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް މެންބަރުންގެ ތާއީދު ނުލިބުމުން އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.