ހަބަރު

ޔޮޓް ޓުއާސްއަށް ދޭންޖެހޭ ފައިސާގެ އިސްތިއުނާފު މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްއަށް އިންޝުއަރެންސް ބަދަލުގެ 22 މިލިއަން ޑޮލަރު ދިނުމަށް އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި މާދަމާ އަށް ތާވަލު ކޮށްފި އެވެ.

ޔޮޓް ޓުއާސްއަށް އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ދޭން އެލައިޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގަ އެވެ. އެއީ އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ އިންޝުއަރެންސްގެ ގޮތުގަ އެވެ.

ކޯޓުން މިދިޔަ މަހު ކުރި ހުކުމުގައި ބުނެފައި ވަނީ ޔޮޓް ޓުއާސް އިން ހިންގަމުން އައި އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ލިބުނު ގެއްލުމުގެ އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ހަ މަސްވުވަހުގެ ތެރޭ ދައްކާ ހަލާސް ކުރުމަށެވެ. އަދި ކޮންމެ މަހަކަށްވާ ވަރަށް ފައިސާ އެ ކޯޓަށް ދެއްކުމަށް ވެސް އެ ހުކުމުގައި ވަނީ ބުނެފަ އެވެ.

އެލައިޑުން ބުނީ ސިވިލް ކޯޓުން ކުރި އެ ހުކުމާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި މި މައްސަލަ ހައިކޯޓުގައި ިއސްތިއުނާފް ކޮށްފައިވާ ކަމަށާއި ފައިސާ ޔޮޓް ޓ1އާސްއަށް ދައްކާފައި ނުވަނީ އިސްތިއުނާފް މައްސަލާގައި ވަކި ގޮތެއް ކޯޓުން ނިންމަން ދެން ކަމަށެވެ.

މަދަނީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފަށް ހުށަހަޅާއިފި ނަމަ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރެ އެވެ.

އެލައިޑުން އިސްތިއުނާފަށް ހުށަހެޅި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުން ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

މީގެ ކުރިން އެލައިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިދޫ ރިސޯޓަށް ލިބުނު ކަމަށް ބުނާ ގެއްލުންތަކަކީ ނަގާފައިވާ އިންޝުއަރެންސް ޕޮލިސީން ބަދަލު ލިބޭ ޒާތުގެ ގެއްލުންތަކެއް ނޫންކަން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެއީ، އިމާރާތް ކުރުމުގެ ފެންވަރު ދަށްވުމާއި ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުންނާއި ތަބީއީ ގޮތުން ލިބިފައިވާ ގެއްލުންތަކެއް ކަމަށްވެސް އެލައިޑުން ވަނީ ބުނެފަ އެވެ.

ހުކުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ޔޮޓް ޓުއާސްގެ ފަރާތުން ވެސް އެ ހުކުމް ތަންފީޒު ކުރުން އަވަސް ކުރުމަށް ސިވިލް ކޯޓުގައި އެދިފަ އެވެ. އެލައިޑުން ދައްކަން ޖެހޭ ފައިސާގެ އެއްވެސް މިންވަރެއް ހުކުމާއި އެއްގޮތަށް މިހާތަނަށް ދައްކާފައި ނުވާތީ ޔޮޓުް ޓުއާސްގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ، ހުކުމާއި އެއްގޮތަށް ފުރަތަމަ މަހުގައި ދައްކަންޖެހޭ 3.7 މިލިއަން ޑޮލަރު ދައްކާފައި ނުވާތީ، އެ ހުކުމް ތަންފީޒު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާދިނުމަށެވެ. އަދި އެކުންފުނިން ހުކުމާއި ހިލާފްވެފައިވާތީ އެކަމަށް ވެސް ފިޔަވަޅު އެޅުމަށްވެސް ވަނީ އެދިފަ އެވެ.

ޔޮޓް ޓުއާސް އިން މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓްމަހުގެ 23 ވަނަ ދުވަހު އެވެ.