ސިިވިލް ކޯޓުން ކުރި ހުކުމާއި އެއްގޮތަަށް އެލައިޑް އިންޝުއަރެންސް އިން ޔޮޓް ޓުއާސް އަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެ ހުކުމް ތަންފީޒު ކުރުން އަވަސް ކުރުމަށް ޔޮޓް ޓުއާސް އިން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީޙުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ދިނުމަށް އެލައިޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިދިޔަ މަހުގަ އެވެ. އެއީ އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ އިންޝުއަރެންސްގެ ގޮތުގަ އެވެ.
ކޯޓޫން މިދިޔަ މަހު ކުރި ހުކުމުގައި ބުނެފައިވަނީ ޔޮޓް ޓުއާސް އިން ހިންގަމުން އައި އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ލިބުނު ގެއްލުމުގެ އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ހަ މަސްވުވަހުގެތެރޭ ދައްކާ ހަލާސް ކުރުމަށެވެ. އަދި ކޮންމެ މަހަކަށް ވާ ވަރަށް ފައިސާ އެ ކޯޓަށް ދެއްކުމަށްވެސް އެ ހުކުމުގައި ވަނީ ބުނެފަ އެވެ.
އެލައިޑުން ދައްކަންޖެހޭ ފައިސާގެ އެއްވެސް މިންވަރެއް ހުކުމާއި އެއްގޮތަށް މިހާތަނަށް ދައްކާފައިނުވާތީ ޔޮޓުް ޓުއާސްގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ، ހުކުމާއި އެއްގޮތަށް ފުރަތަމަ މަހުގައި ދައްކަންޖެހޭ 3.7 މިލިއަން ޑޮލަރު ދައްކާފައިނުވާތީ، އެހުކުމް ތަންފީޒު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާދިނުމަށެވެ. އަދި އެކުންފުނިން ހުކުމާއި ހިލާފްވެފައިވާތީ އެކަމަށްވެސް ފިޔަވަޅު އެޅުމަށްވެސް ވަނީ އެދިފަ އެވެ.
ޔޮޓް ޓުއާސް އިން މިއަދު މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު މީގެ ކުރިންވެސް އެކުންފުނިން ވަނީ އިންޝުއަރެންސްގެ ފައިސާ ދޭން އެލައިޑުން ދެކޮޅުހެދުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރާނެ ކަމަށް ބުނެފަ އެވެ.
މަދަނީ މައްސަލަތަކުގައި ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ކުރުމަށް މަޑުޖެއްސޭނީ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުންނެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަ އިސްތިއުނާފް ކުރުމަށް އެލައިޑުން ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ.