ހައިކޯޓް

ޔޮޓް ޓުއާސްއަށް ފައިސާ ދިނުން ހުއްޓުވައިފި

ޔޮޓް ޓުއާސް އަށް 22 މިލިއަން ޑޮލަރު ދިނުމަށް އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފި އެވެ.

ޔޮޓް ޓުއާސްއަށް އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ދޭން އެލައިޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގަ އެވެ. އެއީ އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ އިންޝުއަރެންސްގެ ގޮތުގަ އެވެ. ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމުގައި ބުނެފައި ވަނީ ޔޮޓް ޓުއާސް އިން ހިންގަމުން އައި އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ލިބުނު ގެއްލުމުގެ އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ހަ މަސްވުވަހުގެ ތެރޭ ދައްކާ ހަލާސް ކުރުމަށެވެ. އަދި ކޮންމެ މަހަކަށްވާ ވަރަށް ފައިސާ އެ ކޯޓަށް ދެއްކުމަށް ވެސް އެ ހުކުމުގައި ވަނީ ބުނެފަ އެވެ.

އެލައިޑުން ބުނީ ސިވިލް ކޯޓުން ކުރި އެ ހުކުމާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި މި މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުފާނުކޮށްފައެވެ. މަދަނީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފަށް ހުށަހަޅާއިފި ނަމަ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރެ އެވެ.

އެލައިޑުން މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ލަސްކުރުމުގެ އަމުރަކަށް އެދެމުން ބުނެފައިވަނީ އެ އަމުރު ނެރެނުދީފި ނަމަ އެލައިޑުގެ ވިޔަފާރިއަށް ވަރަށް ބޮޑު އަސަރެއްކޮށް، އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށެވެ.

ހައިކޯޓުން މިއަދު ވަނީ އެ އަމުރު ނެރެދީފައެވެ. އެ އަމުރުގައި ވަނީ މައްސަލަ ބަލާ އެ ކޯޓުން ހުކުމް ކުރަންދެން ނުވަތަ ހައިކޯޓުން ވަކ ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓްގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާފައެވެ. އެ އަމުުރު ނެރުނު ސަބަބުތައްވެސް ވަނީ ހިމަނާފައެވެ.

ސިވިލް ކޯޓުން ހުކުމް ތަންފީޒުކުރުމުގެ ފިޔަވަޅެއް އަޅައިފިނަމަ އެލައިޑުގެ ކަސްޓަމަރުން އެ ކުންފުންޏަށް ކުރާ އިތުބާރު ގެއްލި އިތުރު ވިޔަފާރި ކުރުމަށް ހުރަސް އެޅޭނެ ކަމަށާ އިންޝުއަރެންސް ވިޔަފާރި އަކީ ވަރަށް ބޮޑަށް ރީ-އިންޝުއަރަންސް އަށް ބިނާވެގެން ހިންގާ ބާވަތުގެ ވިޔަފާރިއަކަށް ވާތީ ރީ-އިންސުއަރަންސް ޕާޓްނަރުންނާއެކު ވެފައިވާ އެއްބަސް ވުންތައް ރޫޅުމުގެ ފުރުސަތު އޮތުމާއި އަދި އިންޝުއަރަންސް ވިޔަފާރިއާއި މެދު އޮންނަ އިތުބާރު ގެއްލިދާނެ ކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެލައިޑުން އެކި ފަރާތްތަކަށް ދައްކަންޖެހި ނުދައްކާވާ ފައިސާ ދެއްކޭނޭ މަގު ބަންދުވެ، އެ ފަރާތްތަކުން އެލައިޑް ބްލެކްލިސްޓުކޮށް ކުރިއަށް އޮތް ތަނުގައި އެ ފަރާތްތަކުން އެލައިޑަށް ހިދުމަތް ދިނުން ހުއްޓާލުމުގެ ފުރުސަތު އޮތުމާއި އެލައިޑްގެ މުވައްޒަފުންނަށް މުސާރަ ނުދެވި އެ މުވައްޒިފުން ބިކަވެ ނިކަމެތިވާނެކަންވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.