ހަބަރު

ހުކުމް ތަންފީޒު ކުރުން ފަސް ނުކޮށްފިނަމަ ގެއްލުން ލިބިދާނެ: އެލައިޑް

ޔޮޓް ޓުއާސް އަށް 22 މިލިއަން ޑޮލަރު ދިނުމަށް އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނުނެރެދީފިނަމަ ވިޔަފާރިއަށް ވަރަށް ބޮޑު އަސަރެއްކޮށް، އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް އެލައިޑުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

ޔޮޓް ޓުއާސްއަށް އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ދޭން އެލައިޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގަ އެވެ. އެއީ އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ އިންޝުއަރެންސްގެ ގޮތުގަ އެވެ.

ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމުގައި ބުނެފައި ވަނީ ޔޮޓް ޓުއާސް އިން ހިންގަމުން އައި އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ލިބުނު ގެއްލުމުގެ އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ހަ މަސްވުވަހުގެ ތެރޭ ދައްކާ ހަލާސް ކުރުމަށެވެ. އަދި ކޮންމެ މަހަކަށްވާ ވަރަށް ފައިސާ އެ ކޯޓަށް ދެއްކުމަށް ވެސް އެ ހުކުމުގައި ވަނީ ބުނެފަ އެވެ.

އެލައިޑުން ބުނީ ސިވިލް ކޯޓުން ކުރި އެ ހުކުމާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށާއި ފައިސާ ޔޮޓް ޓުއާސްއަށް ދައްކާފައި ނުވަނީ އިސްތިއުނާފް މައްސަލާގައި ވަކި ގޮތެއް ކޯޓުން ނިންމަން ދެން ކަމަށެވެ.

މަދަނީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފަށް ހުށަހަޅާއިފި ނަމަ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރެ އެވެ.

އެލައިޑުން މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ލަސްކުރުމުގެ އަމުރަކަށްވެސް ހައިކޯޓުގައި ވަނީ އެދިފަ އެވެ. އަދި އެ އަމުރު ނެރެނުދީފި ނަމަ އެލައިޑުގެ ވިޔަފާރިއަށް ވަރަށް ބޮޑު އަސަރެއްކޮށް، އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް މިއަދު ޝަރީއަތުގެ މަޖިލީހުގައި އެކުންފުނިން ވަނީ ބުނެފަ އެވެ.

މިކަމަށް ރައްދު ދެއްވާ ޔޮޓް ޓުއާސް އިން ބުނީ މައްސަލައެއް އިސްތިއުނާފް ކޮށްފިނަމަ އާންމު ގޮތެއްގައި ހުކުމް ތަންފީޒު ކުރުން ފަސްކުރާނެ ކަމަށެވެ. އެހެންވީމަ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދޭން އެދުމުގެ މާނައެއް ނެތް ކަމަށް ޔޮޓް ޓުއާސް އިން ވަނީ ބުނެފަ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމް އަލުން ރިވިއު ކުރުމަށް ސުޕރީމް ކޯޓަށް އެލައިޑުގެ ފަރާތުން ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. އެކަމަކު މައްސަލަ ބަލައިނުގަތުމަށް އެކޯތުން ނިންމީ އެލައިޑުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

އެލައިޑުން ބުނީ އަލިދޫ ރިސޯޓަށް ލިބުނު ކަމަށް ބުނާ ގެއްލުންތަކަކީ ނަގާފައިވާ އިންޝުއަރެންސް ޕޮލިސީން ބަދަލު ލިބޭ ޒާތުގެ ގެއްލުންތަކެއް ނޫންކަން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެއީ، އިމާރާތް ކުރުމުގެ ފެންވަރު ދަށްވުމާއި ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުންނާއި ތަބީއީ ގޮތުން ލިބިފައިވާ ގެއްލުންތަކެއް ކަމަށްވެސް އެލައިޑުން ވަނީ ބުނެފަ އެވެ.

ހުކުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ޔޮޓް ޓުއާސްގެ ފަރާތުން ވެސް އެ ހުކުމް ތަންފީޒު ކުރުން އަވަސް ކުރުމަށް ސިވިލް ކޯޓުގައި އެދިފަ އެވެ. އެލައިޑުން ދައްކަން ޖެހޭ ފައިސާގެ އެއްވެސް މިންވަރެއް ހުކުމާއި އެއްގޮތަށް މިހާތަނަށް ދައްކާފައި ނުވާތީ ޔޮޓުް ޓުއާސްގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ، ހުކުމާއި އެއްގޮތަށް ފުރަތަމަ މަހުގައި ދައްކަންޖެހޭ 3.7 މިލިއަން ޑޮލަރު ދައްކާފައި ނުވާތީ، އެ ހުކުމް ތަންފީޒު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާދިނުމަށެވެ. އަދި އެކުންފުނިން ހުކުމާއި ހިލާފްވެފައިވާތީ އެކަމަށް ވެސް ފިޔަވަޅު އެޅުމަށްވެސް ވަނީ އެދިފަ އެވެ.