ހަބަރު

އިންޝުއަރެންސް ގަރާރުގައި ޖާބިރުގެ މަސްލަހަތު ހިމެނޭކަމުގެ ތުހުމަތު

Aug 26, 2020
1

ރާއްޖޭގައި ހިންގަމުން އަންނަ އިންޝުއަރެންސް ކުންފުނިތަކުން އަމަލު ކުރާ ގޮތުން، އިންވެސްޓަރުންނަށް މިލިއަނުން ގެއްލުން ލިބޭ ކަމަށް ވިދާޅުވެ ކާށިދޫ ދާރިއާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގައި އޭނާގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

ޖާބިރު ހުށަހެއްޅުވި ގަރާރުގައި ބުނަނީ ރާއްޖޭގައި ހިންގަމުން އަންނަ އިންޝުއަރެންސް ކުންފުނިތަކުން އަމަލުކުރާ ގޮތުން، އިންވެސްޓަރުންނަށް އެތައް ސަތޭކަ މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާތީ، އިންވެސްޓަރުންނަށް ލިބޭ ގެއްލުންތަކުން އެ ފަރާތްތައް ސަލާމަތް ކޮށް ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެ ގަރާރުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ދިއައިރު، މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި އެ ގަރާރު ހުށަހަޅުއްވާފައި ވަނީ އިންޝުއަރެންސް ކުންފުންޏަކާ ދެކޮޅަށް ޖާބިރުގެ މަސްލަހު ހިމެނޭ މައްސަލައެއް ހިނގަމުންދާ ދަނޑިވަޅެއްގައި އެކަމަށް ނުފޫޒު ފޯރުވާށެވެ.

ޝަރީފް އިޝާރާތް ކުރެއްވީ ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް، އެ ކުންފުނިން މި ހަފުތާގައި އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަ އަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި، މެންބަރެއްގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަން މަޖިލީހުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ.

"މިއީ ހަމަ ސީދާ މެންބަރުކަމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރުން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަފުޅަށް ބާރު ދެއްވައި މާފަންނު ހުނޅަގު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ފަލާހު ވެސް ވިދާޅުވީ މި ގަރާރަކީ ސީދާ އެލައިޑަށް އަމާޒު ކޮށްގެން ޖާބިރުގެ އަމިއްލަ ފައިދާއަށް ހުށަހަޅުއްވާފައިވާ ގަރާރެއް ކަމަށެވެ.

ނަމަވެސް، ޖާބިރު ވަނީ އެ ތުހުމަތުތައް ދިފާއު ކުރައްވައިފަ އެވެ. ޖާބިރު ވިދާޅުވި ގޮތުގައި، އެ ގަރާރުގައި ވަކި ކުންފުންޏެއްގެ ވާހަކަ ހިމެނިފައި ނުވާނެ ކަމަށެވެ. އަދި އެ ގަރާރު ހުށަހެޅުމުގެ މަގުސަދަކީ އިންޝުއަރެންސް އެއްބަސްވުމެއްގައި ހިމެނޭ ދެ ފަރާތުގެ މަސްލަހަތު ހިމާޔަތް ކޮށްދީ، އިންޝުއަރެންސް ހިދުމަތް ވަކި އުސޫލެއްގެ ތެރެއަށް ފެއްތުމެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރު ތަޅުމަށް އައިސްފައި ވަނީ މަޖިލީހުގެ އިދާރާއިން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހުގައި ކަމަށާއި، ބައެއް މެންބަރުން ފާހަގަކުރި އެއްވެސް ނުކުތާއެއް އެ ގަރާރުގައި ނެތް ކަމަށް ރިޔާސަތުން މިއަދު ވަނީ ފާހަގަކޮށްފަ އެވެ.