އީޕީއޭ

ބައެއް މަޝްރޫއުތައް ގަވައިދާ ހިލާފަށް ގެންދޭ: އީޕީއޭ

Jul 21, 2022

ތަރައްގީގެ ބައެއް މަޝްރޫއުތައް ގަވައިދާ ހިޅާފަށް ކުރިއަށް ގެންދާ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން މިހެން ބުނެފައިވަނީ އައްޑޫ ސިޓީގައި ހަދަމުން ދިޔަ ދެ ބަނދަރެއްގެ ބޮޑު ބައި ނިމިފައި ވަނިކޮށް އެ ދެ ބަނދަރުގެ މަސައްކަތް މަޑުޖައްސާލުމަށް އީޕީއޭ އިން އެންގުމާ ގުޅިގެން އެ އިދާރާއަށް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އައްޑޫގެ ދެ ބަނދަރުގެ މަސައްކަތް ހުއްޓުވި ވަކި ސަބަބެއް އީޕީއޭ އިން އާންމުކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.

އީޕީއޭގެ ބަޔާނުގައި ބުނެފައިވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވާއިދުގެ ޖަދުވަލުގައި ބަޔާންކޮށްފައިވާ ތަރައްގީގެ މަޝްރޫޢުތަކަށް ހުށަހަޅަންޖެހޭ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މޮނިޓަރިން ރިޕޯޓްތައް ބައެއް ފަރާތްތަކުން ގަވާއިދުން ހުށައަޅަމުން ނުދާ ކަމަށެވެ.

އީޕީއޭއިން ބުނީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އީޕީއޭ އިން ދޫކުރަމުންދާ ހުއްދަތަކުގައި ބުނެފައިވާ ގޮތަށް މަޝްރޫއުގެ މަސައްކަތް ފެއްޓުމަށްފަހު ފެއްޓި ތާރީހް އެ އެޖެންސީންއަށް ލިޔުމުން އަންގަންޖެހޭ ކަމަށާއި ބައެއް ފަރާތްތަކުން އެގޮތަށް އަންގަމުން ނުދާ ކަމަށެވެ.

މޫސުމީ ސަމާލުތަކަށް ބަލައި، މަސައްކަތް ހުއްޓާލަން ޖެހޭ ހާލަތްތަކުގައިވެސް ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދާތީ އެކަމުގައިވެސް އީޕީއޭގެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ވީމާ ތަރައްޤީގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ވިހާވެސް ކުޑަކުރުމަށް މަޝްރޫއުތަކުގެ އެ ދިޔާރުން މި އެޖެންސީ އިން ދޫކުރާ ހުއްދަތަކާއި އެއްގޮތަށް މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ." އީޕީއޭގެ ބަޔާނުގައިވެ އެވެ.