ސައޫދީ އާއި އިރާންއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް އީރާގު މެދުވެރިވެގެން ކުރަމުން ގެންދާ މަޝްވަރާތަކުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އީޜާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވެއްޖެ އެވެ.
ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވި ގޮތުގައި ސައޫދީން ވަނީ މަޝްވަރާތައް ސިޔާސީ ފެންވަަރުގައި ކުރިއަށް ގެންދަން ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ.
އަދި އީރާގުގެ ފޮރިން މިނިސްޓަރު ފުއާދު ހުސައިން ވެސް ވަނީ މަޝްވަރާތަކަށް ސައުދީން ޝައުގުވެރިވާ ކަމަށް އެ ގައުމުން އީރާގަށް އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ވަޒީރު ވިދާޅުވި ގޮތުން އީރާން ވެސް އޮތީ ސައޫދީއާ ގުޅުން ބަދަހިކުރާ ހިތުންނެވެ. ދެ ގައުމުގެ ދެމެދުގައި ހުރި ޚިލާފުތައް ނައްތާލައި ގުޅުން ބަދަހިކުރުމަކީ އީރާނަށް މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސައޫދީ އާއި އީރާނާ ދެމެދު އޮތް ގާތްކަން ކެނޑިގެން ދިޔައީ 2016 ގައި އީރާންގެ ވެރިރަށް ތެހެރާން އަދި މަޝްހަދުގައި ހުންނަ ސައޫދީ އެމްބަސީއަށް ބަޔަކު ވަދެގަނެ ހުޅުޖެހި މައްސަލާގަ އެވެ.
އީރާނަށް މައްސަލައަކަށްވީ ޝޭޚު ނަމިރު އައްނަމިރު ނަމަކަށް ކިޔާ ޝިއާ އިލްމުވެރިއަކު ގަތުލުކުރުމާ ގުޅިގެންނެވެ.
ސައޫދީން އޭނާ ގަތުލުކުރީ އާންމުން މަގުތަކަށް ނުކުމެ ހަޅުތާޅު ކުރުމަށް ގޮވާލުމުންނެވެ. އަދި ވެރިންނަށް ކިޔަމަންވުމަކީ ހާލަތު ތަންދިނުމުން ކުރަން ޖެހޭ ކަމެއް ކަމަށް ބުނެ ސައޫދީގައި އަމަން ނަގާލަން ބޭރުގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރުމުންނެވެ.
މި މައްސަލާގައި ދެ ގައުމުގެ ގުޅުން ހީނަރުވެ އަދާވާތްތެރިވާ ހިސާބަށް ވަނީ ގޮސްފަ އެވެ. އެއަށް ފަހު ގާތްގަނޑަކަށް ފަސް އަހަރު ފަހުން އީރާގު މެދުވެރިވެ ބަޣުދާދުގައި ސައޫދީ އާއި އީރާން ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ފެށީ އެވެ.
ހުސައިން އަމީރު ވިދާޅުވި ގޮތުގައި މަޝްވަރާތަކުގެ ފަސްބުރު ނިމިނުއިރު ދެ ގައުމުން ވަނީ އެމްބަސީ ހުޅުވައި ސަފީރުން ފޮނުވާ ހިސާބަށް ގޮސްފަ އެވެ. އަދި ޔުނައިޓެޑް އަރަބަ އެމިރޭޓްސް އާއި ކުވޭތުން ވެސް ސަފީރުން ތެހެރާނަށް ފޮނުވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
ސައޫދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާން ވެސް ވަނީ ރަހުމަތްތެރި ކަމުގެ އަތެއް އީރާނަށް ދިއްކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޝްވަރާތަކަށް ހިތްވަރު ދެއްވާ ކަމަށް ވިދާޅުވެ އެވެ.
އީރާނުން ބުނީ ސައޫދީ ފޮރިން މިނިސްޓަރުގެ ދައުވަތަކީ ހެޔޮ ފާލެއް ކަމަށެވެ. އަދި އެއީ ތެހެރާނަށް ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.