ދުނިޔެ

ކުވޭތުން އިރާނަށް އާ އެމްބެސެޑަރެއް އައްޔަންކޮށްފި

ކުވޭތުން އީރާނަށް އާ އެމްބެސެޑަރެއް އައްޔަން ކޮށްފި އެވެ. ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށް ފަހު އެމްބެސެޑަރުން ކަނޑައަޅާ ހިސާބަށް ގުޅުން ގާއިމުކުރެވިފައި މި ވަނީ ހަ އަހަރަށް ފަހު އެވެ.

އީރާނާ އެކު އޮތް ގުޅުން ކުވޭތުން ދަށްކުރީ ތެހެރާންގައި ހުންނަ ސައޫދީ އެމްބަސީއަށް ހަމަލާދީ ހުޅުޖެހި މައްސަލާގައި 2016 ގައެވެ.

އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަ ސައޫދީ އެމްބަސީއަށް ބަޔަކު ވަދެގަނެ ހުޅުޖެހީ ޝީއީ ދަންނަ ބޭކަލަކަށް ސައޫދީގައި މަރުގެ ހުކުމް އިއްވައި ތަންފީޒުކުރުމާ ގުޅިގެންނެވެ.

މި މައްސަލާގައި ސައޫދީ އާއި އީރާންގެ ގުޅުން މުޅިން ޚަރާބުވެ ސަފީރުން ގައުމަށް ވަނީ ގެންގޮސްފަ އެވެ. އަދި ސައޫދީއާ ބައިވެެރިވުމުގެ ގޮތުން ކުވޭތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގަލްފު ގައުމުތަކުން އެމްބެސެޑަރުން ގައުމަށް ގެންދިޔަ އެވެ.

ކުވޭތުން އީރާނަށް އެމްބެސެޑަރަކު އައްޔަން ކުރީ ސައޫދީ އާއެކު އީރާން ކުރަމުން ގެންދާ މަޝްވަރާތައް ބަދަހިވެ ސިޔާސީ ފެންވަރަށް ފޯރާފައިި ވަނިކޮށެވެ.

ޚަބަރުތައް ބުނާ ގޮތުން އީރާންގައި ހުންނަ ސައޫދީ އެމްބަސީ ވެސް ލަސްތަކެއް ނުވެ ހުޅުވާނެ އެވެ. އަދި ސަރީފުން ކަނޑައަޅައި އައްޔަންކުރާނެ އެވެ.

ކުވޭތުން އީރާނަށް ކަނޑައެޅި އެމްބެސެޑަރު ބަދުރު އަބްދުﷲ އައްމުނައިޚް އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲހިޔާން އަށް ފަތްކޮޅު އަރުވައި މަގާމާ މިހާރު ވަނީ ހަވާލުވެ ވަޑައިގެންފަ އެވެ.

އީރާން އާއެކު އޮތް ގުޅުން ކުވޭތުން ދަށްކުރި ނަމަވެސް ކުވޭތުގައި ހުންނެވި އީރާން ސަފީރު ގައުމަށް ފޮނުއްވާލާފައެއް ނުވެ އެވެ. އެހެންކަމުން އިރާން އާއި ކުވޭތާ ދެމެދު ސިޔާސީ ގާތްކަން މުޅިން ކެނޑިގެން ނުގޮސް އޮތީ ދެމެހެއްޓިފަ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް ވެސް ވަނީ އީރާނަށް ސަފީރަކު ހަމަޖައްސާނެ ކަމަށް ބުނެފަ އެވެ. އަދި ސައޫދީ އާއެކު އީރާން ކުރާ މަޝްވަރާތަކުގެ ނަތީޖާއަށް ބަލައި ގަލްފު ގައުމުތަކުން އިރާނަށް އެއްބާރުލުން ދޭ ގޮތަށް ދަނީ މަޝްވަރާ ކުރަމުންނެވެ.