ލައިފްސްޓައިލް

ސާވިކަލް ކެންސާ ވެކްސިން ވަރަށް އަވަހަށް ބާޒާރަށް

އިންޑިއާއިން ފުރަތަމަ ފަހަރަށް އުފެއްދި ކޯޑިރިވޭލެންޓް ހިއުމަން ޕެޕިލޯމާވައިރަސް ވެކްސިން މިއަހަރު ނިމޭ ހިސާބުގައި ބާޒާރަށް ނެރެވޭ ވަރު ވާނެކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ. މި ވެކްސިން ތައްޔާރުކޮށްފައިވަނީ ސީރަމް އިންސްޓިޓީއުޓް އޮފް އިންޑިއާ (އެސްއައިއައި) އިންނެވެ. މި ވެކްސިން ނެރުމާއެކު އިންޑިޔާގެ ރައްޔިތުންނަށް މި ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށަން ވަނީ ހަމަޖެހިފަ އެވެ.

އަންހެނުންނަށް އާއްމުކޮށް ޖެހޭ މި ކެންސަރުން އަންހެންކުދިންނާއި އަންހެނުން ދިފާއުވުމަށް މި ވެކްސިން އިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބި ސާވިކަލް ކެންސަރު ދުނިޔޭން މުޅިން ނައްތާލެވިދާނެ ކަމުގެ އުންމީދު ވަނީ އާވެފަ އެވެ.

ސާވިކަލް ކެންސަރަކީ އަންހެނުން ދަރިމައިވާ އުމުރު ފުރާ ކަމަށް ބަލާ 15 އަހަރާއި 44 އަހަރާ ދެމެދުގެ އުމުރުގައި ދެ ވަނަ އަށް އެންމެ ގިނައިން ޖެހޭ ކެންސަރެވެ. އަދި ކެންސަރު ބަލީގައި ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވަނީ ވެސް ސާވިކަލް ކެންސަރު ޖެހިގެންނެވެ.

އިންޑީޔާގައި އެކަނިވެސް އަހަރަކު 1.23 ލައްކަ މީހުންނަށް ސާވިކަލް ކެންސަރު ޖެހި 67،000 މީހުން މި ބަލީގައި މަރުވާ ކަމަށް ޑަބްލިޔުއެޗްއޯގެ ރިސާޗް އޮން ކެންސާ އިން ނެރެފައިވާ ރިޕޯޓެއްގައި ވެއެވެ.

ދަ ޑްރަގް ކޮންޓްރޯލް ޖެނެރަލް އޮފް އިންޑިއާ (ޑީޖީސީއައި) އިން މި ވެކްސިން ތައްޔާރުކުރުމުގެ ހުއްދަ ސީރަމް އިންސްޓިޓިއުޓް އަށް ދީފައިވަނީ މި ހިނގާ ޖުލައި މަހުގެ 6 ވަނަ ދުވަހު އެވެ.

ސާވަވެކްގެ ނަން ދީފައިވާ މި ވެކްސިންގައި ބޭނުންކޮށްފައިވަނީ ވައިރަސް-ލައިކް ޕާޓިކަލްސް (ވީއެލްޕީ) އެވެ. މިއީ ހެޕަޓައިޓީސް ބީ ވެކްސިން އާ އެއްގޮތަކަށް އުފައްދާފައިވާ ވެކްސިން އެކެވެ. މި ވެކްސިން ޖެހުމުން ހަށިގަނޑުގައި އެޗްޕީވީ ވައިރަސް އެލްއައި ޕްރޮޓީން އާ ދެކޮޅަށް ހަނގުރާމަކުރާނެ އެންޓީބޮޑީޒް އުފައްދައިދެ އެވެ.

ހިއުމަން ޕެޕިލޯމާވައިރަސް (އެޗްޕީވީ) އަކީ ދަރިމައިވުމުގެ ނިޒާމު (ރިޕްރޮޑަކްޓިވް ޓްރެކްޓް) އަށް ޖެހޭ ވައިރަލް އިންފެކްޝަނެކެވެ. ޖިންސީ ގުޅުމުން އަރާ މި ބަލި އެފަދަ ގުޅުންތައް ހިންގާ އަންހެންނާއި ފިރިހެނުންނަށް އެ މީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ޖެހެ އެވެ. އަދި ބައެއް މީހުންނަށް އެތައް ފަހަރަކު ވެސް މި ބަލި ޖެހުން އެކަށީގެން ވެއެވެ.

ސާވިކަލް ކެންސަރު އާއްމުކޮށް ޖެހެނީ އެޗްޕީވީ ވައިރަސްގެ ސަބަބުންނެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން 95 ޕަސެންޓް މީހުންނަށް ބަލި ޖެހެނީ އެޗްޕީވީ ވައިރަހުންނެވެ.

އެޗްޕީވީ ވައިރަސް އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ސަބަބުން ސާވިކަލް ކެންސާގެ އަސަރު ކުޑަވެގެން ދާނެ އެވެ. އަދި އަންހެންކުދިންނާއި އަންހެނުން ޖިންސީ ގޮތުން އެކްޓިވް ވާން ފެށުމުގެ ކުރިން މި ވެކްސިން ދެވިއްޖެނަމަ އެ މީހުންނަށް ސާވކަލް ކެންސަރު ޖެހުމުން ދިފާއު ވެވޭނެ އެވެ.