މަންކީޕޮކްސް

މަންކީޕޮކްސް: ކުއްލި ހާލަތު އިއުލާނުކޮށްފި

ހަލުވި ކަމާއެކު މިހާރު ފެތުރެމުންދާ މަންކީޕޮކްސް އަކީ އާލަމީ ބަލިމަޑުކަމެއް ކަމަށް ކަނޑައަޅާ މުޅި ދުނިޔެ އަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރު ވަނީ މަންކީޕޮކްސް ފެތުރެމުންދާ މިންވަރަށް ބަލާ ބަލީގެ ހާލަތު އެންމެ މަތީ ލެވެލްގައި އެކްޓިވޭޓް ކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް 75 ގައުމަކުން 16،000 ވުރެ މަންކީޕޮކްސް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ބަލިޖެހިފައިވާ ކަން ކަށަވަރު ވެފައިވާ މީހުންގެ އަދަދު ވަނީ 77 އިންސައްތަ އިތުރުވެފައެވެ. އެ ބަލީގައި ފަސް މީހަކު މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބު ދައްކައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރީން ބުނި ގޮތުން މަންކީޕޮކްސް އަކީ ފުރާނައަށް ނުރައްކާ ބޮޑު ބައެއް ނޫނެވެ. ބަލީގެ އާންމު ނިޝާނަކީ ގައިގައި ނަގާ ބޮޑެތި ފޮޅުތަކެކެވެ. ބަލިޖެހުމުގެ އަލާމާތެއް ގޮތުން ހުންއައިސް ގައިގައި ރިއްސި ނަމަވެސް، ހުން އައުމާއި ގައިގައި ރިހުމަކީ ހަމައެކަނި މަންކީޕޮކްސްއަށް ހާއްސަ އަލާމާތެއް ނޫނެވެ.

މަންކީޕޮކްސް ޖެހުމުން ފާހަގަ ކުރެވޭ އެހެން އަލާމާތްތަކުގެ ތެރޭގައި ކަރުދަށުގައި އަދި އަތާއި ފައި ހަށިގަނޑާ ގުޅޭ ހިސާބުގައި ގޮށްލުން ހިމެނެ އެވެ. އާދަޔާ ޚިޔާފަށް ހީކެރުވުމާއި ނޭވާ ކޮޅުންލުން އަދި ޗިކަންޕޮކްސް -- ފާނަބަސަންދު ޖެހުމުން އަތާއި މޫނުގައި ފާޅުވާ ރޮނގުތައް ފެންނަން ހުރެ އެވެ. މަންކީޕޮކްސް އަކީ މީގެ ކުރިން ބައްރުތަކަށް ފެތުރިގެންފައިވާ ބައްޔެވެސް ނޫނެވެ. މި ބަލީގެ އާންމު ވެއްޓަކީ އެފްރިކާ ބައްރެވެ. އެހެން ނަމަވެސް، މިފަހަކަށް އައިސް ޔޫރަޕްގެ ގިނަ ގައުމުތަކުން މިބަލި ވަނީ ފެނިފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް ފެތުރިގެންފައި ވަނީ ރާމާމަކުނުގެ ކިބައިންނެވެ. މިއީ ޖަނަވާރުންގެ މެދުގައި އާންމު ބައްޔެއް ނަމަވެސް އިންސާނުނަށް މިހާރު މިއޮތީ ފޯރާފަ އެވެ. މަންކީޕޮކްސް ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތްކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތްކަމަކުން ވެސް މިބަލި ފެތުރިގަނެ އެވެ.

ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ.

މަންކީޕޮކްސްއަށް ޚާއްސަ ވެކްސިނެއް، ފަރުވާއެއް އަދި ނެތެވެ. އެހެން ނަމަވެސް 2003 ގައި، މި ބަލި ފުރަތަމަ ފެތުރިގަތް ދުވަސްވަރު އެމެރިކާއިން ވަނީ ސްމޯލްޕޮކްސް -- ކަށިވިދުރި އަށް ބޭނުންކުރި ވެކްސިން، "ޖޭނެއޯސް" ބޭނުން ކުރަން ފަށާފަ އެވެ. މަންކީޕޮކްސްއަށް ބޭނުން ކުރެވޭ ވަގުތީ ފަރުވާއެއް ގޮތުގައި ޖޭނެއޯސްއަށް، ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވެސް ވަނީ ހުއްދަ ދީފަ އެވެ. އަދި ސްމޯލްޕޮކްސް އާއި ކައުޕޮކްސްއަށް ފަރުވާދޭން ބޭނުންކުރި "ޓެކޯވިރީމާ" ވެސް ވަނީ މަންކީޕޮކްސްއަށް ފަރުވާދޭން ބޭނުން ކުރަން ފަށާފަ އެވެ.

މި ބަލި ޖެހުމުގެ އެންމެ ނުރައްކާ ބޮޑު މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނެވެ.