ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީސް އިދާރާއިން ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް ބާއްވަން ނިންމާ އެކަން އިއުލާނު ކޮށްފި އެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 15 ވަނަ ދުވަހަކީ ދުނިޔޭގެ ޑިމޮކްރެސީ ދުވަހެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފައިސާގެ އިނާމު ލިބޭ ގޮތަށް މަޖިލީސް އިދާރާއިން ވަނީ ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް ބާއްވަން އިއުލާނުކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
މަޖިލިސް އިދާރާއިން ބާއްވާ މުބާރާތުގެ ތީމަކީ "ރައްޔިތުންގެ ވެރިކަން - ރައްޔިތުންގެ މަޖިލީހުގެ ދައުރު" އެވެ. އެގޮތުން މަޖިލީސް އުފެދިގެން އައި ގޮތާއި އެކި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ދައުރު ކަނޑައެޅުނު ހަމަތަކުގެ އިތުރުން އެ ދައުރުތައް މަޖިލީސްތަކުން އަދާކުރަމުން އައި މިންވަރު މި ތީމްގެ ތެރޭގައި ހިމެނެ އެވެ.
މަޖިލީސް އިދާރާއިން ބުނި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މަސައްކަތްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އުމުރު ފުރާތަކަކަށް ބަހާލައިގެންނެވެ.
ދެ މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް (މަޒުމޫނު ލިޔާ މިންގަނޑާ އެކީ)
- 35 އަހަރުން މަތި - 1300 ލަފްޒާއި 1500 ލަފްޒާއި ދެމެދު
- 35 އަހަރާއި 18 އަހަރާއި ދެމެދު - 1000 ލަފްޒާއި 1300 ލަފްޒާއި ދެމެދު
- 18 އަހަރާއި 14 އަހަރާއި ދެމެދު - 1000 ލަފްޒާއި 1200 ލަފްޒާއި ދެމެދު
- 14 އަހަރުން ދަށް - 600 ލަފްޒާއި 800 ލަފްޒާއި ދެމެދު
މަޖިލީސް އިދާރާއިން ބުނެފައި ވަނީ މުބާރާތުގައި މަޒުމޫނު ލިޔާނީ ކަނޑައަޅާފައިވާ ތީމުގެ މައްޗަށް ބައިވެރިން ކަނޑައަޅާ އަމިއްލަ މައުލޫ އަކަށް ކަމަށެވެ. އެއްވެސް ރިފަރެންސްއެއް ބޭނުންކުރާނަމަ ރިފަރެންސް ވެސް ހިމަނަން ވާނެ ކަމަށެވެ. އަދި އުމުރުފުރާތަކަށް ވަކި މިންވަރަކަށް ލަފްޒު ވެސް ކަނޑައަޅާފައިވެ އެވެ.
މި ދެ މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް ކަނޑައަޅާފައި ވަނީ 5000 ރުފިޔާ އެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް 4000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. ދެ މުބާރާތައް ވެސް ފައިސާގެ އިނާމު ކަނޑައަޅާފައި ވަނީ ވަކިވަކިންނެވެ.
މީގެ އިތުރުން ވަކިވަކި އުމުރުފުރާތަކުން ވެސް ވަނަ ހޮވާނެ ކަމަށް މަޖިލީސް އިދާރާއިން ބުންޏެވެ.
މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ 2:00 ގެ ކުރިން ފޯމު ހުށަހެޅުމަށް ވެސް އެ އިދާރާއިން ވަނީ އެދިފައެވެ.