މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގުޅިގެން ބާއްވާ "މޯލްޑިވްސް ޕްރޯ 2022" އައިބީސީ ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.
ދިވެހިރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ 11 ގައުމެއްގައި މި މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕްރޯ 2022" އަކީ އައިބީސީ ވޯލްޑް ޓުއާއިން އޭޝިއާގައި މިހާތަނަށް ބާއްވާ ފުރަތަމަ އިވެންޓެވެ.
އައިބީސީ ވޯލްޑް ޓުއާ އަކީ ދުނިޔޭގެ ބޮޑީބޯޑިން ޗެމްޕިއަންކަން ހޯދުމަށް އެ ކުޅިވަރެއްގެ އެންމެ މޮޅެތި އެތުލީޓުންނަށް އެ ގައުމެއްގެ ޑިވިޝަންތަކުގައި ޕޮއިންޓް އެއްކުރެވޭނެ ގޮތަށް އެކި ގައުމުތަކުގައި ބާއްވާ ޓުއާ އިވެންޓެކެވެ. މި އަހަރުގެ އައިބީސީ ވޯލްޑް ޓުއާގައި ހަ ޑިވިޝަނެއްގެ ޗެމްޕިއަނުންނުން ހޮވާނެ އެވެ.
"މޯލްޑިވްސް ޕްރޯ 2022 އައިބީސީ ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، މި ތާރީހީ ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޮޑީބޯޑިން ދަނީ ރާއްޖޭގައި ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން. މި އިވެންޓް އާންމުންނާއި ހަމައަށް ގެނެސްދިނުމުގައި އެމްބީބީއޭ އާއި އައިބީސީ އަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވި އެވެ.
"ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމަށް ދިރާގުން ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރަން. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގްވާމީ ބޮޑީބޯޑަރުންގެ ފަރާތުން އައު ތަޖުރިބާތަކާއި ހުނަރުތަކެއް ދަސްވެގެން ދާނެކަން ޔަޤީން. އަދި މި މުބާރާތުގެ ސަބަބުން މި ކުޅިވަރު ރާއްޖޭގައި އިތުރަށް ފުޅާވެ ބޮޑީބޯޑިންގެ އައު މަންޒިލެއްގެ ގޮތުގައި ރާއްޖެ އެނގިގެން ދާނެ." އެމްބީބީއޭގެ ރައީސް އަބްދުالله އަރީފް ވިދާޅުވި އެވެ.
މުބާރާތުގެ ރާއްޖޭގައި އޮންނަ ބައި ކުރިއަށްދާނީ 29 ޖުލައި އިން 7 އޯގަސްޓް 2022ގެ ނިޔަލަށް "ވަރުނުލާ ރާޅުގަނޑު" ސަރަހައްދުގަ އެވެ.
ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.