އެމްއެންޑީއެފް

މާލޭގައި މާދަމާ ރޭ ހަވާ އެރުވުމެއް ނެތް: އެމްއެންޑީއެފް

Jul 25, 2022
1

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި މާދަމާ ރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން މިއަދު ބުނި ނަމަވެސް އެމްއެންޑީއެފް އިން އެކަން ދޮގުކޮށްފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ހަވާ އަރުވާނަމަ އެމްއެންޑީއެފް އިން އެކަން އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.

"މާދަމާ ރޭ ޖުމްހޫރީ މައިދާނުގައި ހަވާ އަރުވާ ގޮތަށް އަދި ހަމަޖެހިފައެއް ނުވެ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި ހަވާ އެރުވުމުގެ މަސައްކަތް ވިޔަފާރި އުސޫލުން ކުރަނީ ސިފައިންގެ ޖަމިއްޔާ -- ސިފްކޯގެ ފަރާތުންނެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވެސް އަވަސް އަށް ވިދާޅުވީ މިނިވަން ދުވަހާ ގުޅިގެން ހަވާ އެރުވުމުގެ އެއްވެސް ހަރަކާތެއް ހޯމް މިނިސްޓްރީން އިންތިޒާމުކޮށްފައި ނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހެނދުނު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާ ރޭ 9:00 ޖަހާއިރު މާލޭގައި ހަވާ އަރުވާ ކަމަށާއި ފުލުހުން އެވަގުތު ސެކިއުރިޓީ ބަލަހައްޓާނެ ކަމަށެވެ. އަދި ހަވާ އަރުވާ ވާހަކަ ފުލުހުންގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި ވެސް މިއަދު އިއުލާންކުރި އެވެ. ނަމަވެސް މިހާރު ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ ހަވާ އަރުވާނެ ކަމަށް ބުނެ ކުރި ޕޯސްޓްތައް ޑިލީޓްކޮށްލާފަ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 6:00 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްުޔާތަކާއި މާދަމާ ހަވީރު 4:30 ގައި ހާއްސަ ޕެރޭޑެއް މާލޭގެ ބައެއް މަގުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވެ އެވެ. މި ހަރަކާތް ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުމާއި ޕެރޭޑަށް ވަކި ވަގުތުތަކަކަށް މާލޭގެ މަގުތައް ބަންދުކުރުމަށް ވެސް ފުލުހުން ވަނީ ނިންމާފަ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މިއަހަރު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ނުބޭއްވުމަށާއި ފުޅަނދު ބުރު ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.