އެސްޓީއޯ

އެސްޓީއޯ އިން ހިންގާ ކޯހުގެ ދަރިވަރުންނަށް އޭޑީކޭގެ އިންޓާންޝިޕް

Jul 25, 2022

އެސްޓީއޯ އާއި ޖީއީ ހެލްތް ކެއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ" ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް އިންޓާންޝިޕް ފުރުސަތު ފަހިކޮށްދިނުމަށް އެސްޓީއޯއާއި އޭޑީކޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އޭޑީކޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ހޮސްޕިޓަލްގެ މެނޭޖިިިިިިިން ޑިރެކްޓަރު އަހްމަދު އައްފާލް އެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނަރަލް މެނޭޖަރު މަރިޔަމް ނުޒްލާ އެވެ.

އެއްބަސްވުމުގެ ދަށުން ކޯހުގެ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދޭނެ އެވެ.

އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯހަކީ ދެ އަހަރު ކިޔެވުމާއި ހަމަހުގެ އަމަލީ ތަޖުރިބާ ހިމެނޭ ފުލްޓައިމް ކޯހެކެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވަލް ފަހެއްގެ ކޯހެކެވެ.

ރޭޑިއޯގްރާފަރުންގެ ގޮތުގައި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާތީ އެސްޓީއޯގެ މަގުސަދަކީ އެ މަގާމަށް ތައުލީމާއި ތަމްރީން ލިބިފައިވާ ދިވެހިން ހޯދައިދިނުމެވެ.

ރޭޑިއޯގްރަފީގެ ހިދުމަތަކީ ރޭޑިއޭޝަން މެދުވެރިކޮށް އެތެރެ ހަށީގެ ގުނަވަންތަކުގެ ފޮޓޯ ނެގުމެވެ. އަލްޓްރާ ސައުންޑް ސްކޭނާއި، އެމްއާރްއައި އާއި އެކްސް-ރޭ އަދި މެމޯގްރާފް ނެގުމުގެ މަސައްކަތް ކުރާ ބަޔަކީ ރޭޑިއޯގްރާފަރުންނެވެ.