ކާނާ

ބޯޑިން ފާސް ފޭސްބުކަށް ނުލާ! ބޮޑު ލަނޑެއް ލިބިދާނެ

  • ބޯޑިން ފާސްގައި ޒާތީ ގިނަ މައުލޫމާތުތައް ހިމެނޭ
  • މިއީ ދިވެހިންގެ ވެސް އާދައެއް
  • މިއީ ޖަރީމާ ހިންގަން ހުޅުވާލެވޭ ފުރުސަތެއް

ކޮންމެ އަހަރެއްގެ ފަހުކޮޅަކީ އެތަށް ހާސް ބަޔަކު ދުނިޔޭ އެކި ހިސާބުތަކަށް ދަތުރު ކުރުމުގައި އަވަދި ނެތިގެން އުޅޭ ދުވަސްވަރެކެވެ. މިއަހަރު ފެށުނުތާ އަދިމާގިނަ ދުވަހެއް ނުވާ އިރު ބޮޑުޗުއްޓީއަށް އެކި ގައުމުތަކަށް ދަތުރު ކުރި މީހުން އަލުން އަންބުރާ ގައުމަށް އަންނަން މި ވަނީ މިސްރާބު ޖަހައިފަ އެވެ. އާ ގައުމަކަށް ދެވޭތީ އެކަމުގެ އުފަލުގައި، ބޯޑިން ފާސް ފެންނަ ގޮތަށް ފޮޓޯއެއް ޕޯސްޓްކޮށްލުން މި އޮތީ ގާތްގަނޑަކަށް އެންމެންގެ އާދައަކަށް ހަދައިފަ އެވެ. ދިވެހިން ވެސް މިކަން ކުރުން މި އޮތީ ފެޝަނަކަށް ވެސް ހަދައިފަ އެވެ.

އާމުގޮތެއްގައި ކަން ހިނގައި ގޮތަކީ، އެއާޕޯޓުން ޗެކިންކޮށް ނިންމައިގެން ޗެކިން ކައުންޓަރުން ބޯޑިން ޕާސް ނަގައިގެން ފުރަން ރެޑީ ވެލާފައި ދެން ޕޯސްޓް ކޮށްލާނީ ބޯޑިން ފާސް ފެންނަ ގޮތަށް ފޮޓޯއެކެވެ. ނަމަވެސް އިންޓަނެޓަށް މިފަދަ މައުލޫމާތުތަކެއް ދޫކޮށްލުމުގެ ކުރިން ދެވަނަ ފަހަރަށް ވިސްނާލަމާ ހިނގާށެވެ. ތިމާއަށް ގެއްލުމެއް ދޭން ބޭނުންވާ މީހަކު، ބޯޑިން ޕާސްގައި ހިމެނޭ މައުލޫމާތުތައް ބޭނުންކޮށް ވަރުގަދަ ލަނޑެއް ދެވިދާނެ އެވެ. އެއީ ކިހިނެތް ހެއްޔެވެ؟

ބޯޑިން ފާސްގައި އޮންނަ ފުރި ހަމަ ނަމާއި ބުކިން ރިފަރަންސް ނަމްބަރު އަދި ޓިކެޓް ނަމްބަރު އެތައް ލައްކަ ބަޔަކަށް ފެންނަ ގޮތަށް ފޭސްބުކް ނުވަތަ އެހެން ސޯޝަލް މީޑިއާއެއްގައި ދޫކޮށްލުމުން ދަތުރުކުރާ ގައުމު ބަދަލު ކުރުމުގެ ފުރުސަތު އެހެން މީހުންނަށް ލިބެ އެވެ. އަދި އެ މައުލޫމާތުތަށް މީހަކަށް ލިބިއްޖެ ނަމަ، ކޮންމެ އެއާލައިނެއްގެ ވެބްސައިޓްގެ "މެނޭޖް ބުކިން" އަށް ވަދެ ޓިކެޓުގެ މައުލޫމާތު ބަދަލު ކުރުން ނުވަތަ ޓިކެޓު ކެންސަލް ކުރުން ފަދަ ކަންތަށް ކުރުމުގެ ފުރުސަތު ލިބެއެވެ.

މިސާލަކަށް ތިމާ އަށް ހަސަދަ ވެރިވާ މީހަކަށް ފޭސްބުކް ނުވަތަ އިންސްޓަގްރާމް އިން ބޯޑިން ޕާސްގެ މައުލޫމާތު ލިބިގެން އެއާލައިން އޮފީހަށް ގުޅައި ޓިކެޓުގެ މައުލޫމާތު ބަދަލު ކޮށްފި ނަމަ ވާނީ ކިހިނެތް ހެއްޔެވެ؟ ބޭރު ގައުމަކަށް ގޮސް އުޅެނިކޮށް، ޓިކެޓް ނަގާފަ އޮންނަ ދުވަސް ފަސް ކޮށްލައިފިއްޔާ އެ ވާނީ ބޮޑު ގެއްލުމަކަށެވެ.

މިފަދަ މުހިންމު މައުލޫމާތު އެންމެންގެ ލޯމައްޗައް ދޫކޮށްލުމުން ލިބޭ ގެއްލުމުގެ ޒިންމާ އެއާލައިންގެ ބޮލުގައި ނޭޅުވޭނެ އެވެ. އެއާލައިން އިން ބޯޑިން ފާސް ދޫކުރަނީ އެތައް ލައްކަ މީހުންނަށް އެ އާންމު ކުރާކަށް ނޫނެވެ. ނަމަވެސް އެ މައުލޫމާތު އިންސްޓަ ގްރާމްކޮށް ނުވަތަ ސޯޝަލް މީޑިއާ އަށް ލައި ހާމަ ކުރަނީ އެ މީހަކު އަމިއްލަ އަށެވެ. އެހެން ވީމާ ބޯޑިން ފާހަށް ސަމާލުވާން މި އޮތީ ޖެހިފަ އެވެ.

ބޯޑިން ފާސް އަށް ފަރުވާތެރި ނުވުމުން ލިބޭ ގެއްލުން އަދި މިއަށް ވުރެވެސް މާ ބޮޑެވެ. ދަތުރުކޮށް ނިމުމަށް ފަހު ބޯޑިން ފާސް ގިނަ މީހުން އެއްލައިލަނީ އެވެ. ގިނަ ފަހަރަށް ހުންނަ ގެސްޓް ހައުސް ނޫނީ ހޮޓަލެއްގެ ތެރެއަށް އޮންނާނީ އެއްލައިލައިފަ އެވެ. ރޫމް ބޯއީ އެ ނަގާ ސާފް ކުރަންދެން އެ އޮންނާނީ އެއްލައިލިތަނެއްގަ އެވެ. ތިމާ ކޮޓަރިން ޗެކްއައުޓްވާ ފަހުން އެ ކޮޓަރި ސާފު ކުރަން ފުރުސަތެއް ނުލިބި އޮއްވައި، ކޮޓަރިއަށް ފަހުން އަންނަ ބަޔަކު ހިންގާ ޖަރީމާއެއްގެ ތުހުމަތު ތިމާގެ ބޮލުގައި އެޅިދާނެ އެވެ. ފުލުހުން އެ ކޮޓަރިއެއް ބަލާއިރު ތިމާއަށް ނިސްބަތްވާ ބޯޑިން ފާސްއެއް ފެނިއްޖެ ނަމަ، ގުޅުމެއް ނެތް މައްސަލައެއްގެ ތުހުމަތު ބޮލުގައި އެޅުނީ އެވެ.

ފަރުވާލެއް ނުބެހެއްޓި ނަމަވެސް ތި ހާމަ ކުރެވެނީ ވަރަށް ވެސް މުހިންމު މައުލޫމާތުތަކެކެވެ. ޖަރީމާތައް ހިންގައި އެތައް ބަޔަކަށް ތިމާގެ ސިއްރު މައުލޫމާތުތަކެއް ބޭނުންކޮށްގެން ބޮޑު ކުށެއް ކުރުމުގެ ދޮރު ތި ހުޅުވާލަދެވެނީ އެވެ. މިކަން ކުރާ ދިވެހިން ވެސް ވަކި މަދެއް ނޫނެވެ.ބޮޑު ލަނޑެއް ލިބުމުގެ ކުރިން ސަމާލުވެ، ސަޅިކަން ދައްކަން ބޯޑިން ފާސް އާންމުކޮށްލުން ހުއްޓާލާށެވެ.

ެއެޑިޓަރުގެ ނޯޓް

މިއީ ޓްރެވަލް އެކްސްޕާޓެއް ކަމަށްވާ، އަހުމަދު އިޖާޒް އޭނާގެ އަމިއްލަ ބްލޮގް "ދި އައިލެންޑް ލޮޖިކް"ގައި ލިޔެފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާ އެވެ.