ހުކުރު ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ހަފްތާއަކަށް ދިގުދެމިގެންދާނެ ކަމަށް ބެލެވޭ މޫސުން ގޯސް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
މޫސުން އެންމެ ގޯސްވާ ވަގުތުތަކުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.
މެޓް އޮފީހުން ބުނީ މާދަމާ މޫސުން ތަންކޮޅެއް ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް ހުކުރު ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
ޖުލައި މަސް ފެށުނު ފަހުން ގިނަ ދުވަސްތައް ނިމިގެން ގޮސްފައިވަނީ މޫސުން ގޯސް ދުވަސްތަކެއް ގޮތުގަ އެވެ. މިމަހުގެ ތެރޭގައި ރާއްޖޭގެ ގިނަ ރަށްތަކަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބައެއް ރަށްތަކަށް އުދަވެސް އަރާފައިވެ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަނީ ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅަށެވެ.