ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ގުޅިގެން ބޭއްވި ހަރަކާތް ދަނޑުގައި ކުރިއަށް ދަނިކޮށް އެ ދުވަހު ބަޔަކު ވަނީ ދަނޑަށް ވަދެގަނެ އެ ހަރަކާތް ހުއްޓުވާ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އަދި އެތަނުގައި ތިބި ބައެއް މީހުންނަށް ތަފާތު އިންޒާރުތައްވެސް ދީފައިވެ އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލަ އާއި ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު އިތުރު ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރާއި 36 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ. މިއީ މި ހަމަނުޖެހުން ރޭވުމުގައި އިސްކޮށް އުޅުނު ބައެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މައްސަލައިގެ ތުހުމަތުގައި މިހާރު ބަންދުގައި ތިބި މީހުންގެ ތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލާއި ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާން ހިމެނެ އެވެ. ހައްޔަރުކޮށްފައިވާ ބައެއް މީހުން ފުލުހުން އަންނަނީ ދޫކޮށްލަމުންނެވެ.
ޔޯގާ ހަރަކާތް ހުއްޓުވާ ހަމަނުޖެހުންތައް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި އެންމެންނަކީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ އެކަމުގައި ބައިވެރިވި މީހުންނަށް ނުވާތީ އެފަދަ މީހުން ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.