އެމެރިކާ

އެމެރިކާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅަނީ

Jul 28, 2022

އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރަކަށް ހޫގޯ ޔޫ ހޯ ޔޮން އައްޔަންކުރެއްވުމަށް ނިންމަވާ އޭނާއަށް ރުހުން ހޯއްދެވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އެމެރިކާގެ ކޮންގްރެސްއަށް ހުށަހަޅުއްވައިފި އެވެ.

ހޫގޯ ވެގެންދާނީ އެމެރިކާ އިން ރާއްޖެއަށް ހާއްސަކޮށްގެން ކަނޑައަޅުއްވާ ފުރަތަމަ ސަފީރަށެވެ. އެމެރިކާ އިން މިހާރު ރާއްޖެއާ ގުޅޭ ކަންކަމުގައި ގޮތް ނިންމަނީ ސްރީލަންކާގައި ހުންނަވާ އެމެރިކާގެ އެމްބަސީ މެދުވެރިކޮށެވެ.

އެމެރިކާ އިން ރާއްޖެއަށް ހާއްސަކުރާ ސަފީރާ އެކު ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ވެސް ހުޅުވުމަށް ހަމަޖެހިފައިވެ އެވެ.

އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު ހޫގޯ އަކީ އިންޑިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޑެޕިއުޓީ މިނިސްޓާ ކައުންސެލާ ފޯ އިކޮނޮމިކް އެފެއާޒްގެ މަގާމު ކުރިން އަދާކުރެއްވި ބޭފުޅެކެވެ. މިވަގުތު އޭނާ ހުންނެވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ސީނިއާ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑިރެކްޓަރުކަމާއި އިންޓަނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ޑިރެކްޓަރު ކަންވެސް ހޫގޯ ކުރައްވާފައިވެ އެވެ.

އެމެރިކާ އެމްބަސީ ގާއިމުކުރުމަށްޓަކައި އެ ގައުމުން ގެންދަނީ މާލެ އާއި ހުޅުމާލެ އިން ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެމެރިކާ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1966 ވަނަ އަހަރު އެވެ.

އެމެރިކާ އަކީ ރާއްޖެއަށް އެކި ދާއިރާތަކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ.