ކުޅުދުއްފުށި

ކުޅުދުއްފުށީގައި ސިޒޭރިއަން ހެދި އަންހެނަކު ލޭމަނާނުވެ، ސީރިއަސް ހާލުގައި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އަންހެނަކު ލޭ މަނާ ނުވެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ހާލުބޮޑުވެފައިވާ އަންހެންމީހާ ވިހެއުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނުއެވެ. އަންހެންމީހާގެ ފިރިމީހާ، މުހައްމަދު ކުޅުއްފުށީގެ އޮންލައިން ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިއްޔެ ސިޒޭރިއަން ހެދި އޭނާގެ އަންހެނުންގެ ގަޔަށް މިހާތަނަށް 22 ޕޮއިންޓް ލޭ ވަނީ އަޅާފައެވެ.

ފަރިޔާލު 33، ސިޒޭރިއަން ހަދާފައިވަނީ އިއްޔެ މެންދުރުއެވެ. ސީޒޭރިއަން ހެދުމަށްފަހު ދަރިފުޅު ނަގައި ދަރިފުޅަށް ވަނީ އައިސީޔޫގައި ފަރުވާދީފައެވެ. ނަމަވެސް މިހާރު ދަރިފުޅު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.

ފަރިޔާލު އޮޕަރޭޝަން ކުރި ފަހުން އަދި ހޭނާރާ ކަމަށް ފިރިމީހާ މައުލޫމާތުދެއެވެ. ލޭ މަނާ ނުވެގެން ފަރިޔާލުގެ ރަހިމު ވެސް ވަނީ ނަގާފައެވެ. ނަމަވެސް އަދިވެސް ލޭ މަނާނުވާ ކަމަށް އާއިލާއިން ބުނެއެވެ. ފަރިޔާލަށް ލޭ ދިނުމަށް މިހާރު ވެސް 40 އަށްވުރެ ގިނަ މީހުންގެ ލޭ ނަގާފައިވެއެވެ.

ސިޒޭރިއަންއަށްފަހު ދިމާވި މައްސަލައެއް އާއިލާއަށް ނޭނގޭ ކަމަށާއި އެކަމާ ގުޅިގެން ޑޮކްޓަރުން އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށް މުހައްމަދު ބުނެއެވެ.

ންޓިލޭޓަރގެ އެހީގައި ނޭވާލަމުންދާ ފަރިޔާލުގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް "އަވަސް"އިން ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވީ، އެ ކޭސްއާ ބެހޭ ގޮތުން ޑޮކްޓަރުން ވަކި އެއްޗެއް އަންގާފައިނުވާތީ އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެވެން ނެތް ކަމަށެވެ.